މާލެ އަތޮޅު ރިޓްޒްކާލްޓަން ފަރި އައިލެންޑް ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް، ޔޮޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:37 ހާއިރުކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓް ނުލިބޭކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓެއްގައިކަމަށާއި، އެ ޔޮޓްގައި ތިބި ޓޫރިސްޓުންނާއި ފަޅުވެރިން ރިޓްޒްކާލްޓަންގެ ލޯންޗަކަށް ނަގާފައިވާ ކަމަށެވެ. އަދި ޔޮޓްގައި 4 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ. ނަމަވެސް ޔޮޓްގައި ތިބި ޓޫރިސްޓުންގެ އަދަދެއްގެ ނޭނގެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި އަލިފާންގަނޑު ހެނދުނު 10:14 ހާއިރު ނިއްވާލާފައިވާކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޮޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.