ޚަބަރު

ދިރާގުގެ 14ވަނަ ރޯޑް ރޭސް ބާއްވައިފި


  • ދިރާގު ރޯޑްރޭސް ފައްޓަވާ ދެއްވީ އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް

  • މިދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައި

  • މިއީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ރަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޯޑްރޭސް، ދިރާގު ރޯޑްރޭސް މިއަދު ބާއްވައިފިއެވެ. މިރޭސް ފައްޓަވާދެއްވީ އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްއެވެ. މިރޭހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ދިރާގުގެ ރޯޑްރޭސްގެ 14 ވަނަ ރޭސް ބޭއްވީ ހުޅުމާލޭގައެވެ. މިފަހަރުގެ ރޭހުގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަށް ދިރާގުން ބުނެއެވެ. މިފަހަރު ރޭހުގައި 3 ކެޓަގަރީއަކުން މީހުން ބައިވެރިވިއެވެ. އެގޮތުން 10ކިލޯމީޓަރުގެ ބައިގައި 600 މީހުން ބައިވެރިވެފައިވާއިރު، 5 ކިލޯމީޓަރުގެ ބައިގައި 3000 މީހުން ބައިވެރިވި ކަމަށް ދިރާގުން ބުނެއެވެ. އަދި މުޅި އަލަށް މިއަހަރު ތަޢާރަފްކުރި ހާފް މެރަތަންގައި 200 މީހުން ބައިވެރިވެފައިވާކަމަށް ދިރާގުން ބުނެއެވެ.

މިރޭހުގައި ރާއްޖޭގެ 12 ޖަމިއްޔާއަކުން ބައިވެރިވި ކަމަށް ދިރާގުން ބުނެއެވެ.

މިރޭހުގައި ރާއްޖެއާއި ރާއްޖެއިން ބޭރު މީހުންވެސް ބައިވެރިވިއެވެ. މިރޭހުގައި އެކިކެޓަގަރީތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. އަދި ހުރިހާ ކެޓަގަރީއަކުން ހަމައެކަނި ދިވެހިން ހިމެނޭހެންވެސް ވަނަތައް ހޮވާފައިވެއެވެ.

ދިރާގު ރޯޑްރޭސްގެ މިއަހަރުގެ ޝިޢާރަކީ ކުޑަކުދިން ޙިމާޔަތްކޮށް އެކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ބާރުއަޅާ އެކަމަށް ހޭލުންތެރިކުރުވުމެވެ.

ދިރާގު ރޯޑްރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ރޭހެވެ. ދިރާގު ރޯޑް ރޭހަކީ ތިމާވެއްޓާއި ރައްޓެހިކޮށް ކުރިއަށްގެންދާ ރޭހެއްކަމުން މިރޭސް ކުރިއަށް ގެންދިޔައީ ޕްލާސްޓިކް ފްރީ ރޭހެއްގެ ގޮތުގައި ކަމަށް ދިރާގުން ބުނެއެވެ.