ކުޅިވަރު

ތިން މެޗުންވެސް މޮޅުވެ ލިވަޕޫލް އެއްވަނައިގައި ހަމަޖެހިލައިފި


ޔުއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް އީގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިވަޕޫލުން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ލިވަޕޫލްގެ އަންފީލްޑްގައި ރޭ ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކުރީ ފްރާންސްގެ ޓުލޫސް އާ ވާދަކޮށް 5-1 ލަނޑުންނެވެ. ލިވަޕޫލް ޑޮމިނޭޓްކޮއްގެން ކުޅުނު މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަހަމަލާ އުފައްދާފަވަނީ ވެސް ލިވަޕޫލްއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ލިވަޕޫލްއެވެ. މެޗުގެ 9 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާޟިޔާބުކޮއްދިނީ ޑިއެގޯ ޖޮޓާއެވެ. ލަވަޕޫލްއިން މެޗުގެ ލީޑު ނެގިތާ ހަތަރު މިނިޓުގެ ތެރޭގައި ޓުލޫސް އިން ނަތިޖާ ހަމަހަމަކޮއްދިނީ ޓިސް ޑަލިންގާ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ 30 ވަނަ މިނުޓުގައި ވަޓާރޫ އެންޑޯ ކާމިޔާބު ކުރި ލަނޑުން ލިވަޕޫލްއިން އަނެއްކާވެސް މެޗުގެ ލީޑް ނެގި އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮއްދިނީ ޑާވިން ނުނޭޒްއެވެ. މިއީ މިސީޒަންގައި އޭނާ ކުޅުނު 16 މެޗުގެ ތެރެއިން ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.

ލިވަޕޫލް އިން މެޗުގައ ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ ރަޔާން ރަވަންބޭޗްއެވެ. ލިވަޕޫލްގެ ފަސްވަނަ ލަނޑު މެޗު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބު ކޮއްދިނީ ކޯޑި ގަޕްކޯ ދިންބޯޅައަކުން މުހަންމަދު ސަލާހެވެ.

މި މޮޅާއެކު ގުރޫޕްގެ އެއްވަނައިގަ ލިވަޕޫލް ހަމަޖެހިލީ ކުޅުނު ތިންމެޗުން ލިބުނު 9 ޕޮއިންޓާއެކުއެވެ. ރޭ މިގުރޫޕްގައި ޔޫނިއަން ސެއިންޓް އާއި އެލްއޭއެސްކޭ ވާދަކުރި މެޗު ޔޫނިއަން 2-1 ލަނޑުން ކާމިޔާބުކޮށް ވަނީ 4 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނައަށް ޖެހިލާފައެވެ. ޓޮލޫސް ތިންވަނައިގަ އޮތީ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. އެލްއޭއެސްކޭ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މި ސީޒަންގައި ޔޫރަޕުގައި ލިވަޕޫލްދައްކަމުން އަންނަ ކުޅުމާއެކު އެޓީމު ޔުރޮޕާ ލީގު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.