ދީން

މުދަލު ޒަކާތް ބަލައިގަތުން މީރާއާ ހަވާލުކުރައްވައިފި


މިހާތަނަށް އިސްލާމިކް މިނިސްޓްރީއާއި ކައުންސިލް އިދާރާތަކުން ބަލައިގަންނަވަމުން ގެންދެވި މުދަލު ޒަކާތް ބަލައިގެންނެވުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއާ މިއަދު ޙަވާލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވެވި ރަސްމިޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ އަޙުމަދު ޒިޔާދުއެވެ. މިރާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުއެވެ.

މުދަލު ޒަކާތް ބަލައިގެންނެވު މީރާއާ ޙަވާލުކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ މުދަލު ޒަކާތަކީ ވަރަށް ގިނަބަޔަކު އިހުމާލުވެފައިވާ ކަމެއް ކަމަށާއި ރާއްޖޭގައި މުދަލުގެ ޒަކާތް ދައްކަމުން އަންނަނީ ދޭއް އިންސައްތައާއި ފަހެއް އިންސަތައާ ދެމެދު އަދަދެއްގެ މީހުންކަމަށެވެ. އަދި މީރާއާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން މުދަލު ޒަކާތް ނެންގެވުމަށް މިހާރު ކުރައްވަމުގެންދަވާ މަސައްކަތް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

މީރާއިން ފައިސާ ބަލައިގެންނެވުމަށްފަހު އެ ފައިސާ ޖަމާކުރައްވާނީ ދައުލަތުން ކަނޑައަޅުއްވާފައިވާ އެކައުންޓަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޒަކާތް ބެއްސެވުމުގައި މީރާއިން އެއްވެސް ދައުރެއް އަދާނުކުރައްވާނެ ކަމަށާއި އެކަން ކުރައްވަމުން ގެންދަވާނީ އިސްލާމިކް މިނިސްޓްރީންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން މިހާރަށްވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14590859684037.jpg|މުދަލު ޒަކާތް ބަލައިގަތުން މީރާއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރ އަދި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސްސޭޝަން ސޮއިކުރައްވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ ޒަކާތުގެ މަސައްކަތަކީ މީރާއިން މިހާރުވެސް ކުރަމުންދާ މަސައްކަތާއި ދާދި އެއްގޮތް މަސައްކަތެއްކަމަށެވެ. ޒަކާތުގެ ފައިސާ ބަލައިގަތުމަށް މިހާރަށްވުރެ ހަރުދަނާ މެކޭނިޒަމެއް ޤާއިމްކުރައްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވިއެވެ. މުދަލުގެ ޒަކާތް ދައްކަންޖެހޭ ފަރާތްތައް ހޯއްދަވައި އެފަރާތްތައް ތަމްރީންކުރައްވައި، އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގެވުމަށް ރާއްވަވާފައިވާކަމަށް ޔަޒީދު ވިދާޅުވިއެވެ. މުދަލުގެ ޒަކާތް ބަލައިގެންނެވުމަށް އިސްލާމިކް މިނިސްޓަރީން ވަނީ އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ. މި އުޞޫލުތަކަށް މީރާގެ މުވައްޒަފުން ހޭލުންތެރިކުރުވައި ތަމްރީން ދެވިގެންދާނެކަމަށް މީރާއިން ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މުދަލުގެ ޒަކާތް ބަލައިގަތުމާ ގުޅޭ އެންމެހާ ކަންކަން ކުރަމުންގެންދާނީ މީރާއިންނެވެ.

މުދަލުގެ ޒަކާތަކީ، ނިސާބުގެ ހަމަވުމުގެ ސަބަބުން އެ ޒަކާތްދެއްކުން ވާޖިބު ކޮންމެ މުސްލިމަކު އެމީހެއްގެ މުދަލުން ދައްކަންޖެހޭ އެއްޗެކެވެ. ޒަކާތް ނެރުމަކީ ތަނަވަސްކަމުގެ އަހްލުވެރިންގެ މައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. އިސްލާމްދީނުގައި ޒަކާތް ފަރްޟު ކުރައްވާފައިވަނީ މުއްސަނދިންގެ އަތުން ނެގެވި ދައުލަތުގެ ޚަޒާނާގައި ޖަމާކޮށް، ދައުލަތުގެ ބޭނުންތަކަށް ޚަރަދު ކުރުމަކަށް ނޫނެވެ. ހާލުގައިޖެހިފައިވާ މީހުންނާއި، ފަޤީރުންނާއި މިނޫންވެސް، ޒަކާތުން ދިނުމަށް ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި އަންގަވާފައިވާ ބައިތަކަށް ހޭދަކުރުމަށެވެ. މުދަލުގެ ޒަކާތުގެ ނިޞާބަކީ ހަތަރުހާސް ދުއިސައްތަ ބާރަ ރުފިޔާ ފަސްދޮޅަސް ލާރިއެވެ. މުދަލު ޒަކާތް މިހާތަނަށް ދައުލަތުން ބަލައިގަންނަވަމުން ގެންދެވީ މާލޭގައި އިސްލާމިކް މިނިސްޓްރީންނާއި އަތޮޅުތަކާއި ސިޓީތަކުގެ ކައުންސިލް އިދާރާތަކުންނެވެ.