ޚަބަރު

24 ގަޑިއިރު ޚަބަރު ފޮނުވާ ޗެނަލެއް ޕީއެސްއެމްއިން އުފައްދަނީ


ސައުވީސް ގަޑިއިރު ޚަބަރު ފޮނުވާ ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕަބްލިކް ސަރވިސް މީޑިއާއިން ހާމަކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑު ގުޅިގެން ބޭއްވި އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަބްދުލްލަތީފް ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެންމެ ބޮޑު އުއްމީދަކީ މައުލޫމާތު ފަތުރާ ވަސީލަތްތައް ގިނަކުރުންކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ޒުވާނުންނާއި މުނިފޫހި ފިލުވުމާއި ކުޅިވަރަށް ހާއްސަކޮށްގެން އުފައްދާ ޔޭސް ޓީވީ ޗެނަލް އުފައްދާނެކަމަށާއި

ކިޔަވާ ކުދިންނަށް ޚާއްސަކޮށް، ތައުލީމާއި މައުލޫމާތު ފޮނުވާ އެޑިއުކޭޝަނަލް ޗެނަލެއްގެ އިތުރުން ބޭރު ދުނިޔެއަށް ހާޢްސަކޮށްގެން އުފައްދާ އިނގިރޭސި ބަހުގެ ޗެނަލެއް އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.  

" ހުރިހާ ރިހައެއް އެއް ތެލީގައި ކައްކަން އަޅުގަނޑުމެންނަށް ޖެހިފާ މިވަނީ. ލައިވްއެއް ވިޔަސް ޓީވީން ގެނެސްދޭންޖެހޭ. މިކަހަލަ ކްއިޒެއްވިޔަސް ރޭޑިއޯއިން ގެނެސްދޭން ޖެހެނީ. އަދި ހަމަ އެގަޑީގައި ފުޓްބޯޅަ މެޗެއް ކުޅުނަސް އެމީހުން އެމީހުންގެ ހައްޤުތަކާބެހޭ ގޮތުން ވާހަކަދައްކާނެ މެޗް ނުދައްކައިގެން. ބަލަން ބޭނުންވާ މީހުން ތިބޭނެ ނޫންތޯ. ހަމަ އެމެޗް ކުރިއަށްދާ ގަޑީގައި ދައުލަތުގެ މުހިންމު އިވެންޓެއް އޮވެއްޖެއްޔާ އެބޭފުޅުންވެސް އެބޭފުޅުންގެ ހައްޤްތަކާމެދު ވަކާލާތު ކުރައްވާ އެ ލައިވް ނުކޮށްގެން. ހަމަ އެގަޑީ ކާޓޫން ބަލަން ބޭނުންވާ ކުދިން ވިއްޔާ އެކުދިންގެ ހައްޤު ތަކާމެދު ވާހަކަ ދައްކާ. އެހެންވީމާ، އަޅުގަނޑުމެންނަށް ފަސޭހަ ތަކްލީފެއްނޫން އެއްތެލީގައި ހުރިހާ ރިހައެއް ކެއްކުން. އޭރުން އޭގެން ރަހަޔަކުން ކުރެ ރަހައެއް ނުލާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށްވީ އަޅުގަނޑުމެންގެ އެމްޑީގެ ތަސައްވަރަކަށްވީ ގިނަ ޗޮއިސްތަކެއް ގިނަ ޗެނަލްތަކެއް އުފެއްދުން". އިކްރާމް ވިދާޅުވިއެވެ.  

ޕީއެސްއެމްއިން މިހާރުވެސް ދެ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލްއާއި މެގަޒިންއެއްގެ އިތުރުން އޮންލައިން ވެބްސައިޓެއްވެސް ދަނީ ހިންގަމުންނެވެ.