ކުޅިވަރު

ދިވެހި ފުޓްބޯޅައަށް ބޭނުންވަނީ ނިޒާމީ ބަދަލެއް: މަރޭ


ދިވެހި ފުޓްބޯޅައަށް މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ނިޒާމީ ބަދަލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި މަރޭ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ނިޒާމީ ބަދަލެއް މުހިންމު ކަމަށާއި، އެކަން ކުރެވޭނީ އަދި އެކަމުގެ ފެށުމަކީ އެފްއޭއެމުގެ އަސާސީ ގަވާއިދު ބަދަލުކުރުން ކަމަށެވެ.

ރާއްޖޭ ފުޓްބޯޅައިގައި އަބަދުވެސް އިވެމުންދަނީ ފުރަތަމަ ޑިވިޝަނުގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ކުލަބަތުކުގެ ވާހަކަ ކަމަށާއި، އެ ކުލަބުތަށް ނެތިގެން ފުޓްބޯޅަ ފޯރި ނެތް ވާހަކަ ދައްކާއިރު، ވިކްޓަރީ، ވެލެންސިއާ އަދި ނިއު ރޭޑިއަންޓުން ކުރި މަސައްކަތާއި، އެ ކުލަބުތަކުގެ ސަޕޯޓަރުން ކުރި ހިތްވަރަކީ އަގުވަޒަން ނުކުރެވޭވަރުގެ މަސައްކަތެއްކަން މަރޭ ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް އެ ކަލުބަތުގެ ވާހަކަދައްކާ ގޮތަށް އަތޮޅުތެރެއިން ދިވެހި ފުޓްބޯޅައިގަ ފާހަގަކޮށްލުވުނު ނަންތަކުގެ ވާހަކަ ފުޓްބޯޅައިގައި އޮތް ފޯރިއާ ގުޅުވައިގެން ނުދައްކާތީވެ މަރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެފަދަ ޓީމުތައް ވުޖޫދުން ގެއްލިގެންދިޔައީ، ސިސްޓަމުގެ މައްސަލައަކާ ހެދި ކަމަށް މަރޭ ވަނީ ވިދާޅުވެފައެވެ.

މަރޭ ވިދާޅުވީ އެފްއޭއެމުން ހިންގި އަތޮޅު އަދި ޒޯން މުބާރާތްތަކުގައި ބައިވެރިވިޔަސް އަދި ކިތަންމެ ކާމިޔާބެއް ހޯދިޔަސް، އެފްއޭއެމުގެ ކޮންގްރެސްގައި ބަހެއް ބުނުމުގެ ފުރުސަތު އޮތީ މާލޭ ޒޯނުގެ ކުލަބަތަކަށް ކަމަށެވެ. އެއީ މިދިޔަ އަހަރުތަކުގައި ޤައުމީ ފެންވަރުގައި އެތައް ކުޅުންތެރިން ނެރުނު ކުލަބުތަކެއް ކަމަށާއި، މުބާރާތްތައް ނުބޭއްވި ދިޔައީ އެ ކުލަބުތަކުގެ އިހުމާލުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަން ބަދަލުވެވޭނީ ނިޒާމު ބަދަލުކޮށްގެން ކަމަށްވެސް މަރޭ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

"
މި ތިން ކުލަބުގެ ވާހަކަ ދައްކާހާ ބާރަށް ނުވަތަ މަޑުން ނަމަވެސް ހުއްރިޔާ، އޭދަފުށި، ތިމަރަފުށި، މަހިބަދޫ، ތިނަދޫ، ތޮއްޑޫ، ވޭމަންޑޫ، ކުޅުދުއްފުށީ ވާހަކަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އަރާ.
އަޙްމަދު މަރުޒޫގް (މަރޭ)

އެފްއޭއެމުގެ ހިންގުން ބޮއްސުންލާފައިވާ ދަނޑިވަޅެއްގައި، އެ އިދާރާއާ ގުޅުންހުރި ކްރޮޕްޝަނާއި ޚިޔާނާތާ ގުޅުންހުރި ޖިނާޢީ ތަޙުޤީޤެއް ފުލުހުންގެ އިދާރާއިން ވަނީ ފަށާފައެވެ.

އެފްއޭމުގައި ހުރި މައްސަލަތަކާ ގުޅިގެން ދާދި ފަހުން އެ އިދާރާގެ ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.