މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގަދަ 8 ގެ ހުށައެޅުންތައް ރޭ ދައްކައިފި


ފޯރިގަދަ ހުށައެޅުންތަކަކާއެކު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 5 ވަނަ ޝޯވ ރޭ ދައްކައިފިއެވެ.މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ރޭ ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ.އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރެވުމަށް MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށްދަނީ އެންމެ އިންޞާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 5 ވަނަ ޝޯވ މިރޭ ދައްކާފައިވާއިރު، މިރޭގެ  ޝޯވގައި ގާލާ ރައުންޑުގެ ގަދަ 8 ގައި ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ވަނީ ފެނިގެންގޮސްފައެވެ. މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ، މާދަމާ ރޭ 10:30 ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.