ކުޅިވަރު

އެފްއޭއެމް ފެއިލްވީ ކުލަބުތައް ރަނގަޅަށް ނުހިންގުމުން: ސޮބާ


ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ހުއްޓި ކުރިއަށްނުދެވޭ އެންމެ ބޮޑު ސަބަބަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމުގައި ހަރުދާނާ އުސޫލުތަކެއް ނެތުން ކަމަށް ޤައުމީ ފުޓްބޯޅަ ޓީމު ކުރީގެ ޑިފެންޑަރު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސޮބާ ބުނީ ދިވެހި ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ފުޓްބޯޅައަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުލަބުތައް ރަނގަޅަށް ނުހިންގި، ފުޓްބޯޅަ އިދާރާ ހުންގުމުގައި ރަނގަޅު އުސޫލުތެކެއް ނުހިފެއްޓުން ކަމަށެވެ.

ސޮބާ ވަނީ އެފްއޭއެމުގެ ކަންކަން ގޯހުން ގޯހަށް ދިޔައީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިޔުމުގެ ޕްލޭނެއް ނެތި، ކުރެވި ދިޔަ މަސައްކަތުގެ ސަބަބުންކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ހާލަތު ރަނގަޅު ކުރެވޭނީ ކުލަބުތަކުގެ އެއްބާރުލުމާއެކު، ކުލަބުތަކުގެ ހިންގުންވެސް ހަރުދަނާ ކުރެވިގެން ކަމަށްވެސް ސޮބާ ބުންޏެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ކުލަބުތައް ހިންގުމަށް ފައިސާ ލިބުމުން، ހާލަތު ރަނގަޅުވިކަން ފާހަގަކުރަމުން ސޮބާ ބުނީ އެއީ ކުލަބުތައް ހިންގަން އޮތް އެހާ ރަނގަޅު އުސޫލެއް ކަމަށް ނުފެންނަ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރެވިގެންދާ އުސޫލުތަކެއް ނަގަހައްޓަން ޖެހޭ ކަމަށެވެ.

ސޭވް އެފްއޭއެމުގެ ފަރާތުން ޕްރޮގްރާމުގައި ވާހަކަދައްކަމުން ސޮބާ ބުނީ ގިނަ އަދަދެއްގެ ފައިސާތަކެއް ލިބުނު ކަމުގައިވިޔަސް، ކުލަބަތަކަށް ލިބޭ އެއްޗަކުން ފުއްދައިގެން، ޚަރަދު މެނޭޖުކުރިވެގެން ނޫންގޮތަކަށް ދެން ރާއްޖޭގެ ފުޓްބޯޅައަށް ދިރުމެއް ނެތް ކަމަށެވެ.

ރާއްޖޭގައި ރަނގަޅަށް ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ އެންމެ ކުލަބަކުން ކަމަށާއި، ކުލަބުތައް ހިންގުމަށް ރަނގަޅު ފައިނޭންޝިއަލް ޕެލޭނެއް ލިބިއްޖެނަމަ، ރާއްޖޭގެ ފުޓްބޯޅަ އަނެއްކާވެސް ނަގައި ކޮޅަށް ޖެހިދާނެ ކަމަށް ސޮބާހު ބުންޏެވެ.

މި ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް ގެންދެވޭނީ އެފްއޭއެމް ރަނގަޅު ހާލުތެއްގައި އޮވެގެން ކަމަށްވެސް ސޮބާ ވާނީ ބުނެފައެވެ. އެގޮތުން އެފްއޭއެމުގެ އިދާރީ ހިންގުން ޚަރުދަނާ ކުރަން ޖެހޭ ކަމަށާއި، އެފްއޭއެމުގެ އެތޭރޭގެ ކަންކަން އިސްލާހުނުވެ، ރާއްޖޭގެ ފުޓްބޯޅަށް ކުރައްދާނެ ތަނެއް ނުފެންނަ ކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.

"
މީގަ ހަމަ މައިގަނޑު ކަމަށް ފާހަގަކުރެވޭނީ ރަނގަޅު ސިސްޓަމެއް ނެތުން. ސަސްޓެއިން ކުރެވޭވަރުގެ ސިސްޓަމެއް ނެތި، ގޯހުން ގޯހަށް ހުރިހާ ކަމެއް ދާތަން މި ފެންނަނީ.
ސޮބާހު މުޙައްމަދު - ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު

އެފްއޭއެމުގެ ހިންގުން ބޮއްސުންލާފައިވާ ދަނޑިވަޅެއްގައި، އެ އިދާރާއާ ގުޅުންހުރި ކްރޮޕްޝަނާއި ޚިޔާނާތާ ގުޅުންހުރި ޖިނާޢީ ތަޙުޤީޤެއް ފުލުހުންގެ އިދާރާއިން ވަނީ ފަށާފައެވެ.

އެފްއޭމުގައި ހުރި މައްސަލަތަކާ ގުޅިގެން ދާދި ފަހުން އެ އިދާރާގެ ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.

މިހާރު އެފްއޭއެމަށް ދިމާވެފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންކާރު ކުރައްވާފައިވާއިރު، އޭނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.