ޚަބަރު

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން އެމެރިކާއިން ދެކޮޅު ހަދައިފި


ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އ.ދގެ ސަލާމަތީ މަޖިލީހުން ބޭއްވި ޢާންމު ބަހުސްގައި އެމެރިކާއިން އެ ކަމަށް ދެކޮޅު ހަދައިފިއެވެ. އެމެރިކާއަކީ 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ. އަދި، އެ މަޖިލީހަށް ހުށަހެޅޭ ޤަރާރުތައް ވީޓޯކޮށް ހުއްޓުވުމުގެ ބާރު އޮތް ޤައުމެކެވެ.

ސަލާމަތީ މަޖިލީހުގެ ބަހުސްގައި 90 އެއްހާ ޤައުމުން ތަޤުރީރު ކުރަން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަޒީރުންގެ ނައިބުން ހިމެނެއެވެ. ބަހުސްގައި ވާހަކަފުޅު ދައްކަވާފައިވާ ގިނަ ބޭފުޅުން ވަނީ، ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށް ގޮވައިލައްވާފައެވެ. ނަމަވެސް، މި ކަމަށް ގޮވައިލާ މީގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ދެ ޤަރާރު ވެސް ފާސްވެފައި ނުވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ އެމެރިކާއިންނެވެ.

އެމެރިކާއަކީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ފާޅުގައި ހިތްވަރު ދެމުންދާ، އަދި ޒަޔަނިސްޓު އަސްކަރިއްޔާއަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. ޣައްޒާއަށް ޔަހޫދީ ފައުޖުތަކުން ދެމުންދާ ހަމަލަތަކުގައި ބޭނުން ކުރަމުންދާ ހަތިޔާރުގެ ބޮޑު އިންސައްތައަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ މިސައިލްތަކާއި، ބޮންތަކާއި ހަތިޔާރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ، ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރިވުމުގެ ގޮތުގައި ބެލެވޭނެ ނޫންތޯ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސަލާމަތީ މަޖިލީހުން ބޭއްވި ބަހުސްގައި ތަޤުރީރު ކުރައްވަމުން މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ ވަނީ ޔަހޫދީންގެ ހަމަލަތައް ހުއްޓުވަން ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ކަން ކުށްވެރި ކުރައްވާފައެވެ. އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ޞަފްދީ ވަނީ، 22 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޢަރަބި ޤައުމުތަކުގެ އަޑު އެހުމަށް އ.ދއަށް ގޮވައިލައްވާފައެވެ. އޭނާ ވެސް ވަނީ، ޔަހޫދީންގެ ގަތުލުއާންމު ހުއްޓުވަން ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް ޤަރާރެއް ފާސް ކުރަން ގޮވައިލައްވާފައެވެ.

ނަމަވެސް، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. އެމެރިކާއިން ބުނީ، އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލާ، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ފުރުޞަތު ދޭން އެއްބަސްވެވިދާނެ ކަމުގައެވެ. އަދި، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ވަނީ އެ ޤައުމުން ހުށަހަޅާފައިވާ ޤަރާރެއް ފާސް ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، އެ ޤަރާރަކީ ޙަމާސް ޖަމާޢަތް ކުށްވެރިކޮށް، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ހިތްވަރުދޭ ޤަރާރެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދިން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން ރަޝިޔާއިން ވެސް ވަނީ ޤަރާރެއް ހުށަހަޅާފައެވެ. އަދި، މި ހަފުތާގެ ތެރޭގައި އެ ޤަރާރަށް ވޯޓަށް އަހާނެއެވެ. ރަޝިޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބިންޒިޔާ ވިދާޅުވީ، ޣައްޒާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުން އަމަލު ކުރާނެ ގޮތެއް މުޅި ދުނިޔެއިން ބަލަން އޮތް ކަމުގައެވެ.

ސަލާމަތީ މަޖިލީހުގައި ޣައްޒާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މުސީބާތާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާއިރު، މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އ.ދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ބައެއް ޤައުމުތަކުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އުރުދުން ހިމެނެއެވެ. އެ ހުށަހެޅުމަށް ރަޝިޔާއިން ވެސް ވަނީ ތާޢީދު ކޮށްފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 5,791 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 2,360 އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 15,000 އަށްވުރެ އިތުރުވެފައެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.