ދުނިޔެ

އިޓަލީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


ބްރަސަލްސްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު އިޓަލީވިލާތުން އެޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

މިގޮތުން އިޓަލީވިލާތުގެ ރެއިލް ސްޓޭޝަންތަކާ، އެއަރޕޯޓްތައް، ޢާންމުން ޒިޔާރަތްކުރާ ބިނާތަކާއި، ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ތަންތާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މިދިޔަ އަންގާރަދުވަހު ބްރަސަލްސްގެ އެއަރ ޕޯޓެއް އަދި މެޓްރޯ ސްޓޭޝަނެއްގައި ދިން ބޮމުގެ ހަމަލާތަކުގައިވަނީ 32 މީހުން މަރުވެ 200 އަށް ވުރެން ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިހަމަލާއަށް ފަހު ދުނިޔޭގެ ގިނަ ޤައުމުތަކަކުން، ހާއްސަކޮށް ވިލާތުގެ ޤައުމުތަކުން ވަނީ އެޤައުމުތަކުގެ އާންމު ތަންތަނުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައެވެ. މިގޮތުން އިޓަލީ ވިލާތުގެ ބޮޑު ވަޒީރު މަޓިއޯ ރެންޒީ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އެޤައުމުގެ ގިނަ ސަރަހައްދުތަކެއްގައި އަޅާފައިވާކަމަށެވެ.

އަދި އިޓަލީގެ މަގުތަކުގައި ސެކިއުރިޓީ ބަލަހައްޓަން މަސައްކަތްކުރާ ފުލުހުންނާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ އޮފިޝަރުންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.