ޚަބަރު

އެންމެ ރެޔަކުން ޣައްޒާގައި 740 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި


ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ރޭ ޣައްޒާއަށް ދިން ރަޙުމު ކުޑަ ހަމަލަތަކުގައި ފަލަސްޠީނުގެ 740 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ، އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން ފެށި އުދުވާނުގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލި ދުވަހެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 5,791 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 2,360 އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 15,000 އަށްވުރެ އިތުރުވެފައެވެ.

ޔަހޫދީ ފައުޖުތަކުން ބުނީ އެ މީހުންގެ ބާރުގަދަ ވައިގެ ހަމަލަތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ފިލާ ތިބި އަމާޒުތަކަށް ކަމުގައެވެ. އަދި، ޙަމާސްގެ ތިން އިސް ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް، ހަޤީޤަތަކީ ޔަހޫދީންގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށް ކަމެވެ. ހޮސްޕިޓަލްތަކަށް ކަމެވެ. ޞިއްޙީ މަރުކަޒުތަކާއި މިސްކިތްތައް ކަމެވެ. އަދި، ޞިއްޙީ ޚިދުމަތްތެރިން ބޭނުންކުރާ އެމްބިޔުލާންސްތައް ކަމެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 740 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މިއީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުތަކުން ފެށި އުދުވާނުގައި އެންމެ ގިނަ ޢަދަދެއްގެ ފުރާނަ ނަގައިލާފައިވާ 24 ގަޑިއިރެވެ.

މަންޒަރު ފެނުނު މީހުން ކިޔައިދިން ގޮތުގައި ޔަހޫދީ ފައުޖުތަކުން ހަމަލަ ދީފައި ވަނީ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ޢިމާރާތްތަކަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގައި ހުންނަ ހަތަރު ފަންގިފިލާގެ ޢިމާރާތެއް ހިމެނެއެވެ. އެ ހަމަލާގައި އެކަނިވެސް 32 މީހުން ޝަހީދު ކޮށްލިއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.

މީގެ އިތުރުން ބަހްލޫލް ޢާއިލާ ދިރިއުޅޭ ގެއަށް ވެސް ޔަހޫދީ އިސްރާޢީލުން ބޮން އަޅާފައިވާ ކަމުގައި މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ. މި ހަމަލާގައި އެ ގޭގައި ދިރިއުޅޭ 19 މީހުން ޝަހީދުވިއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާއިރު، ސުންނާފަތިވެފައިވާ ޢިމާރާތުގެ ދަށުގައި ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމުގައި ވެސް މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ. އެ ޢިމާރާތުގެ ދަށުން ޝަހީދު ކޮށްލާފައިވާ ތުއްތު ދެ ކުއްޖެއްގެ ހަށިގަނޑު ވަނީ ނެރެފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށި ކޮށްފައެވެ. ފެނާއި ކާބޯތަކެތި އެތެރެ ކުރުން މަނާ ކޮށްފައެވެ. އަދި، ތެޔޮ ފޯރުކޮށްދިނުން ވެސް ހުއްޓައިލާފައެވެ. މި ކަމާ ގުޅިގެން ޣައްޒާއިން ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ދަނީ ހުސްވަމުންނެވެ. ޣައްޒާގެ ފުރަބަންދާ ގުޅިގެން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ 40 މަރުކަޒެއް މިހާރު ވަނީ ބަންދު ކޮށްފައެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ އިސްރާޢީލުން ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާއަށް އެތެރެވުމަށް ދަތުރު ކުރި 200 އެއްހާ އެހީގެ ލޮރީ މިހާރު ވެސް ރަފަޙް ހުރަސް ކައިރީގައި ތާށިވެފައި އެބައޮތެވެ. އެ އުޅަނދުތައް ޣައްޒާއަށް ވެއްދުމަށް ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ. އަދި، ރަފަޙް ސަރަޙައްދީ ހުރަސް އޮންނަ ސަރަޙައްދަށް ވަރުގަދަ ހަމަލަތަކެއް އަމާޒު ކުރަމުންނެވެ. އެ ސަރަޙައްދުގެ މަގުތައް ވެސް އޮތީ ބޮން އަޅައި ސުންނާފަތި ކޮށްލާފައެވެ.