މުނިފޫހިފިލުވުން

ގާލާ ރައުންޑުގެ 5 ވަނަ ޝޯވ މިރޭ


ވާދަވެރި ހުށައެޅުންތަކަކާއި އެކު "މޯލްޑިވިއަން އައިޑަލް"ގެ ގަދަ 8 ބައިވެރިންގެ ހުށައެޅުން މިރޭ ފެނިގެންދާނެއެވެ.ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ގާލަ ރައުންޑުގެ 5 ވަނަ ޝޯވ އޮންނާނީ މިރޭ 10:30 ގައެވެ.މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 5 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ގަދަ 8 ގައި ވާދަކުރާ ބައިވެރިންގެ ވަކި ވަކި ހުށައެޅުންތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އަދި މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެއްވޭނެއެވެ.އެގޮތުން އެސް.އެމް.އެސް ކުރެއްވުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލެވިފައިއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 4 ބައިވެރިއަކު ވަނީ މި ޝޯވއިން ވަކިވެފައެވެ. އެބައިވެރިންނަކީ، މުހައްމަދު އިފްހާމް އަޝްފާޤު، ފާތުމަތު ނައްބަތު، އަހުމަދު ނަޒީޙް އަދި ފާތުމަތު އަޒްލީމާއެވެ. ގާލާ ރައުންޑުގެ ޝޯވތަކުގައި ބައިވެރިން ލަވަ ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކަށްވެސް ކަނޑައަޅާ ވަކި ތީމަކަށެވެ. އެގޮތުން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި އެ ބައިވެރިއަކަށް އެންމެ ރީތި ލަވަ ހުށައަޅާދީފައިވާއިރު، ދެވަނަ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ 1980 ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެވެ. 3 ވަނަ ޝޯވ ޚާއްސަ ކޮށްފައިވަނީ ދިވެހި ފިލްމުތަކުގައި ހިމެނޭ ލަވަތަކަށެވެ. އަދި މިދިޔަ ހަފްތާގެ ޝޯވގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއް ބައިވެރިން ހުށައަޅާދީފައިވެއެވެ. މިދިޔަ ހަފްތާގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުވެސް ވަނީ ބައިވެރިވެފައެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.