ޔަޙޫދީ އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަލަސްޠީނުގެ މުސްލިމުންނަށް 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
ފަލަސްޠީންގެ ރައްޔިތުންނަށް މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސް ނިންމެވިކަން ހާމަކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައެވެ. ޚާރިޖީ ވަޒީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަސްދަޅު ހަދިޔާ ކުރުމަކީ ފަލަސްޠީންގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެއްކަމަށެވެ.
ޝާހިދުގެ ޓްވީޓްގައި ވަނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާއި ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ފާހަގަކުރައްވާފައެވެ.
ޔަހޫދީ އިސްރާޢިލުން ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާއި ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ޤައުމުގެ މުސްލިމުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން އަންނަނީ ގޮވާލަމުންނެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.