ކުޅިވަރު

އޮޑީޝާ އަތުން މާޒިޔާއަށް ބޮޑު ބައްޔެއް


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންޑިއާގެ އޮޑިޝާ އެފްސީން ފަސޭހަކަމާއެކު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން މާޒިޔާ ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ. މިއީ އޭއެފްސީ ކަޕުގައި މުޅިން އަލަށް ވާދަކުރާ އޮޑިޝާއިން ހޯދި ފުރަތަމަ މޮޅެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އޮޑީޝާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މޯޓަޑާ ފޯލްއެވެ. އެކަމަކު މެޗުގެ 13 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު ނަގައިދިން ކޯނަރަކުން ސާބިއާގެ ޑިފެންޑަރު ބްރަނިމީރް ޖޮޗިޗް ވަނީ މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މާޒިޔާއިން ނަތީޖާ އެއްވަރުކުރިތާ މާގިނައިރުތަކެއްނުވެ، ގާތްގާތުގައި ދެ ލަނޑު ޖަހައި އޮޑީޝާއިން ވަނީ ލީޑުފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޑިފެންޑަރު ކާލޯސް ޑެލްގާޑޯ އެ ޓީމަށް އަލުން ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން އޮޑީޝާގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މޯޓަޑާ ފޯލްއެވެ.

މި މެޗުގައި މާޒިޔާގެ ޑިފެންސް އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި އޮޑީޝާއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުލްބެކް އަމޭ ރަނަވާޑޭއެވެ.

އޭގެ ހަތަރު މިނެޓު ފަހުން މިޑްފީލްޑަރު އިސާކް ވަންލަލްރުއާޓްފެލާ ވަނީ އޮޑީޝާގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ސާހިލް ޕާންވާރެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި މާޒިޔާ ބަލިވި ދެވަނަ މެޗެވެ. އެގޮތުން މާލޭގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން މާޒިޔާ މޮޅުވި ނަމަވެސް، ދެވަނަ މެޗުން ވަނީ ރަށުން ބޭރުގައި މޯހަން ބަގާން ސުޕަ ޖަޔަންޓްސް އަތުންވެސް ބަލިވެފައެވެ.

އެއާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެން އަނެއް ބުރަށް ދިއުމަށް މާޒިޔާއަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުގައި މޯހަން ބަގާން އާއި ބަޝުންދަރާ ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ގްރޫޕް ޑީގެ އެއްވަނައިގައި މޯހަން ބަގާން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބަޝުންދަރާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޮޑީޝާ އާއި ފުލުގައި އޮތް މާޒިޔާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.