ޚަބަރު

ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަށް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: އައްބާސް


  • ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ހަމަލާދިނީ 2021ވަނަ އަހަރުގެ މެއި 6ވަނަ ދުވަހުގެ ރޭ

  • މި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވޭ

  • ދެ އަހަރަށްވުރެ ދިގު މުއްދަތެއް ހިނގާފައިވާއިރު، ގިނަ މީހުންގެ އަޑުއެހުންތައް ކުރިއަށް ނުދޭ

ރައީސް ނަޝީދަށް ހަމަލާ ދިން މައްސައާއި ގުޅުންހުރި އަޑުއެހުންތައް ނިޒާމުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން، މިޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒް ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިތަޙުޤީގު މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ގޮތާއި ގުޅޭގޮތުން ދެކެވަޑައިގަންނަވާގޮތް އައްބާސް ފާއިޒް ވަނީ ޙިއްސާކުރައްވާފައެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަންކުރައްވާފައި ވަނީ ޙާދިސާ ހިނގި 2021ވަަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަޙުގީގުގެ ކުރިއަށްދާ ގޮތާއިގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތް ޙިއްސާކުރެއްވުމަށް، އައްބާސް ފާއިޒުގެ ފަރާތްޕުޅުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒް ވިދާޅުވީ މައްސަލަ ތަޙުޤީގުކުރުމަށް، ފުލުހުންނާއި، ސަރުކާރާއި އަދި ޝަރުޢީ ދާޢިރާއިންވެސް ކުރައްވަމުންގެންދަވަނީ ޕްރޮފެޝަނަލް މަސައްކަތްތަކެއްކަމަށެވެ.

ނަމަވެސް މައްސަލައިގެ ތަޙުޤީޤު ލަސްވަމުންދިއުމަކީ އޮތް ކަންބޮޑުވުމެއް ކަަމަށެވެ. މިއީ މައްސަލައިގެ ތަޙުޤީގަށް އެތައް ގޮތަކުން ގޮންޖެހުން ކުރިމަތިވާނެ ކަމެއްގެ ގޮތުގައި އައްބާސް ފާއިޒް ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ މައްސަލަ ބަލާ ޖަޖުން ބަދަލުވުމާއި، އަދި ކޯޓުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަމުން އަޑުއެހުންތައް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. އަދި މިއީ ޤައުމީ މަސްލަހަތާއި ގުޅުންހުރި މިފަދަ ބޮޑު މައްސަލައަކަށްވާއިރު، މިކަމުގެ ތަޙުގީގާއި އަޑުއެހުންތައް މިއަށްވުރެ ފުރިހަމަވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، އަޑުއެހުންތައް އަވަސްކޮށްދެއްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައިވާނެ ކަމަށްވެސް އައްބާސް ފާއިޒް ވިދާޅުވިއެވެ.

"މައްސަލައިގައި ޖަޖުން ބަދަލުވާތީ ކޭސް ލަސްވޭ. އަދި ކޯޓުން ބުނަނީ ޝަރީއަތްތައް ލަސްކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ޖާގަ ނެތުންކަމަށް. ކޯޓު ރޫމްތައް މަދުވީމަ ކަމަށް. މިހާ ބޮޑު މައްސަލައެއްގައި މިފަދަ ކަންކަން ހުރަހަކަށް ނުވާނެހެން ކުރިއަށްގެންދަންޖެހޭ." އައްބާސް ފާއިޒް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މި މައްސަލައިގެ މޯޓިވް ނުވަތަ ޙަމަލާ ދޭން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްވެސް އެކި ގޮތްގޮތުން ތަޙުޤީގު ހިންގާފައިވާކަމަށެވެ. އެގޮތުން ސިޔާސީ އަދި ސަރުކާރުގެ ތެރެއިން ނުފޫޒު އޮތްތޯއާއި، ނުވަތަ ބޭރުގެ ބައެއްގެ ބައިވެރިވުން މިކަމުގައި އޮތްތޯވެސް ބަލާފައިވާކަމަށެވެ. އަދި ކޮރަޕްޝަނާއި ގުޅިގެން ތަޙުޤީގުކުރެވެމުންދާ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރްސީގެ މައްސަލައާއިވެސް ގުޅުމެއް އޮތްތޯ ބަލާފައިވާކަމަށާއި، ނަމަވެސް މިއިން އެއްވެސް ކަމަކަށް ހެކިދޭ ކަމެއް ނެތްކަމަށެވެ.

މިހާތަނަށް ހޯދުނު މަޢުލޫމާތުތަކުގައިވެސް މިއީ ހަރުކަށި ފިކުރަށް ބާރުދޭ ޙަމަލާއެއްގެ ގޮތުގައި ފެންނަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އައްބާސްވިދާޅުވީ، މިކަމަށް ޚަރަދުކުރުމުގައިވެސް އެއްވެސް އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯވެސް ތަޙުޤީގުކޮށްފައިވާކަމަށެވެ.

"ބޮން ހަދަން ބޭނުންކުރި ތަކެތި ހޯދުމަށް ނުވަތަ ގަތުމަށްވެސް ބޭރުން އިތުރު ބަޔަކާއި ގުޅޭ އެކައުންޓަކުން ފައިސާ ބޭނުންކޮށްފައި ހުރިކަމަކަށް ނުދައްކާ. މުޅިންވެސް ލިންކްވަނީ، މިހާރު ތަޙުޤީގު ހިނގަމުންދާ މީހުންނާ." އައްބާސް ވިދާޅުވިއެވެ.

މިމައްސަަލައިގެ ތަޙުޤީގަށް ފަހުގައިވެސް ކޭސް ބަންދު ނުކޮށް ބޭއްވުމަށް އައްބާސް ފާއިޒުވަނީ އެދިވަޑައިގެންފައެވެ. ސަބަބކީ ތަޙުޤީޤުކުރެވޭ އެހެންކަމެއްގެ ތެރެއިންވެސް މި މައްސަލައާއި ގުުޅުންހުރި ކަމެއް ފެނިދާނެކަމަށް ބެލެވޭތީ ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ޙާލަތެއްގައި، އަވަހަށް ތަޙުޤީގު ފަށައިގަނެވެން ޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވެސް އައްބާސް ފާއިޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މިމައްސަލައިގައި އިތުރު ބައެއްގެ ބަައިވެރިވުން އޮތްކަމަށް މިހާތަނަށް ތަޙުޤީޤަށް ހާމަވެފައި ނެތްކަމަށެވެ.

"މިހާތަނަށް ހޯދުނު ހޯދުންތަކުން، އެއްވެސް އިތުރު މީހެއްގެ ޝާމިލުވުމެއް ނުފެނޭ. އެގޮތަށް ފާހަގަވެއްޖެނަަމަ، ވަގުތުން ތަޙުޤީގު ފަށާނަން." ޝަމީމް ވިދާޅުވިއެވެ.

2021ވަނަ އަހަރު މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ، ރައީސް ނަޝީދަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެ ކާރަށް އަރާވަޑައިގަންނަވަން ދަނިކޮށް، ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

މި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން މިހާތަނަށް ދަޢުވާކޮށްފައިވަނީ ދެ މީހުންނަށެވެ. އެއީ ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި އަޙުމަދު އަދުހަމާއި އިތުރު ތުޙުމަތުތަކެއްގައި ހައްޔަރު ކުރި އަބްދުﷲ އަލީގެ މައްޗަށް އެކަންޏެވެ. އެހެންމީހުންގެ އަޑުއެހުންތައް ގަވާއިދުން ކުރިއަށްނުގެންދެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.