ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: ޕާކިސްތާން އަތުން އަފްޣާނިސްތާނަށް ތާރީޚީ މޮޅެއް


އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި އަފްޣާނިސްތާނުން ޕާކިސްތާނުގެ މައްޗަށް ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ޗެންނާއީގައި ހުންނަ އެމް.އޭ ޗިދަމްބަރަމް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އަފްޣާނިސްތާން މޮޅުވީ އަށް ވިކެޓުންނެވެ. މިއީ އަފްޣާނިސްތާނުގެ ތާރީޚުގައިވެސް އޯޑީއައި ކްރިކެޓުގައި ޕާކިސްތާން އަތުން ހޯދި ފުރަތަމަ މޮޅެވެ.

އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 282 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 92 ބޯޅައިން 74 ލަނޑު ހެދި ޓީމުގެ ކެޕްޓަން ބާބަރު އާޒަމްއެވެ. އަދި އެ ޓީމުގެ އަބްދުﷲ ޝަފީގު ވަނީ 75 ބޯޅައިން 58 ލަނޑު ހަމަކޮށްފައެވެ.

މި އިނިންގްސްގައި އަފްޣާނިސްތާނުގެ ނޫރު އަޙްމަދު ވަނީ 10 އޯވަރުގައި 49 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ނަވީނުލް ހައްގު ވަނީ ހަތް އޯވަރުގައި 52 ލަނޑަށް ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި އަފްޣާނިސްތާން ކުޅެން އަރައި އެ ޓީމުން ވަނީ 49 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 286 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 113 ބޯޅައިން 87 ލަނޑު ހެދި އިބްރާހިމް ޒަދްރާނެވެ. އަދި އެ ޓީމުގެ ރަހުމަތު ޝާހު ވަނީ ނުބައިނުވެ 84 ބޯޅައިން 77 ލަނޑު އެއްކޮށްފަ އެވެ.

މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ތާވަލުގެ ހަވަނައިގައި އަފްޣާނިސްތާން އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ޕާކިސްތާނަށްވެސް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.