ކުޅިވަރު

ފުލަމް ބަލިކޮށް ޓޮޓްނަމް ތާވަލުގެ އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޓޮޓްނަމް ހޮޓްސްޕާ ޖެހިލައިފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓޮޓްނަމުން ލީޑު ނެގީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ބްރެޒިލް ފޯވާޑް ރިޗާލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މި މެޗުގެ ދެވަަނަ ހާފުގައި ފުލަމުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، ޓޮޓްނަމުން ވަނީ މި ހާފުގެ ވަރަށް ކުރީކޮޅު އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަންއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޓޮޓްނަމް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ފުލަމް އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެއީ ކުޅުނު 9 މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ ނުވަ މެޗުގެ ފަހުން ޓޮޓްނަމް އެއްވަނައިގައި އެންމެ ފަހުން އޮތީ 1960-1961 ވަނަ އަހަރުގެ ސީޒަނުގައެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިިން ހަތް މެޗުން ޓޮޓްނަމް މޮޅުވެފައިވާއިރު، އަނެއް ދެ މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެއީ މި ސީޒަނުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗާއި، މިދިޔަ މަހުގެ ފަހުކޮޅު ރަށުން ބޭރުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗެވެ.