ހަތްވަނަ އިންޓަރ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބް އެމްޕީއެލް އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް އިމިގްރޭޝަނުން ހޯދައިފިއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 33 ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ފިރިހެން ތިން ޓީމާއި އަންހެން ހަތަރު ޓީމެވެ. އަދި ދެވަނަ ޑިވިޝަނުގައި ފިރިހެން ފަސް ޓީމު ވާދަކުރިއިރު، އަންހެން ޑިވިޝަނުގައި 21 ޓީމު ވަނީ ވާދަކޮށްފައެވެ.
މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދީ ރޭ ކުޅުނު ފައިނަލުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ވާދަކޮށް 21-30 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަންކަން ހޯދި އެމްޕީއެލްގެ އަހުމަދު ޝާނީޒެވެ.
އަދި އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ފައިނަލުގައި އައިޖީއެމްއެޗާ ވާދަކޮށް 46-12 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަނުގެ ނަޝްފާ އާމިރާއެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗުތަކަށްފަހު ދެ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިންނަކީ އެމްޕީއެލްގެ މުޙައްމަދު ފިރުނާޝް އަބްދުﷲ އާއި، މުޙައްމަދު އީމާއު އާއި، އިސްމާޢީލް ފަރުހާނާއި، އަޙްމަދު ޝާނީޒާއި، ވިޝާން އަބްދުލް މަޖީދުގެ އިތުރުން ވެމްކޯގެ އަބްދުﷲ ޒިޔާއު އަދި އިބްރާހީމް އަޒްހާނެވެ.
އަދި އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިންނަކީ އިމިގްރޭޝަނުގެ މަރިޔަމް ލީން އާއި، ނަޝްފާ އާމިރާ އާއި، އާމިނަތު އިސްރާއު އަބްދުއްޝުކޫރާއި، ފާތިމަތު ރިޝްމާގެ އިތުރުން އައިޖީއެމްއެޗުގެ ޔަޝްފާ އާމިރާއެވެ.
ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްކޯ މެންބަރު އާމިނަތު ޝާނީޒާއި، ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެންބަރު އަޙްމަދު ހައިޝަމް އާއި، މުޙައްމަދު ޒަރީރުގެ އިތުރުން އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަބްދުﷲ ސަލީމް އަދި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާއެވެ.
މިއީ އޮފީސް ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެވެ.