ކުޅިވަރު

ޓެނިސް ވޯލްޑް ކަޕުގައި ރާއްޖޭގެ އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް


ޓެނިސް ވޯލްޑް ކަޕުގެ ގޮތުގައި ފާހަގަކޮށްލެވޭ ބިލީ ޖީން ކިންގް ކަޕުގައި ވާދަކޮށް، ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ބަހްރެއިންގައި ކުރިއަށްދިޔަ މި މުބާރާތުގެ އޭޝިއާ އަދި އޯޝޭނިއާ ގުރޫޕް ތިނެއްގައި ވާދަކޮށް ރާއްޖެއިން ވަނީ ތިން މެޗަކުން މޮޅުވެފައެވެ. އެއީ ބަހްރެއިނާއި، މަކާއޯ އަދި ސައުދީ އަރަބިއްޔާ އަތުންނެވެ.

މިިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން ސައުދީ އަތުން ރާއްޖެ މޮޅުވެފައިވަނީ 2-1 ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ލަޔާން ޝާމިން ވަނީ ދަނިޔާ އަލްޒުހައިރާ އަތުން ވާދަވެރި ކުޅުމަކަށްފަހު 2-1 ސެޓުން ބަލިވެފައެވެ. އެއީ 6-1، 5-7 އަދި 4-6 އިންނެވެ. އެކަމަކު ދެވަނަ ގޭމުގައި ރާއްޖޭގެ އާރާ އާސާލް އާޒިމް ވަނީ ސީދާ ދެ ސެޓުން ލާރާ ބުޚާރީ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-1 އަދި 6-0 އިންނެވެ. މި މެޗުގެ ތިންވަނަ ގޭމުގައި ވާދަކުރީ ރާއްޖޭގެ ލަޔާން އާއި އާރާގެ ޕެއާއެވެ. ސައުދީގެ ނަޔާ އެލް-ފަރޫޚީ އާއި އަލްޒުހައިރާގެ ޕެއާ އަތުން ރާއްޖޭގެ ޕެއާ މޮޅުވީ 6-4 އަދި 6-0 އިންނެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ބޯދެތި ކުރިއެރރުންތަކެއް ހޯދިއިރު، މި މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ މިދިޔަ އަހަރެވެ. އެކަމަކު މިދިޔަ އަހަރު ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

އޭޝިއާ އަދި އޯޝޭނިއާ ގުރޫޕުގައި ހިމެނުނީ ރާއްޖޭގެ އިތުރުން ބޫޓާނާއި، ބުރޫނާއި ދާރުއްސަލާމާއި، އިރާނާއި، އިރާގާއި، ކިރްގިސްތާނާއި، ލާއޯސް އާއި، މަކާއޯ އާއި، ނޭޕާލާއި، ޤަތަރާއި، ސައުދީ އަރަބިއްޔާ އާއި، ތަޖަކިސްތާން އަދި ވިއެޓްނާމެވެ. މި އަހަރުގެ މުބާރާތުގައި 14 ޤައުމެއް ވަނީ ވާދަކޮށްފައެވެ.