ވިޔަފާރި

ރާއްޖެއާއި ތައިލޭންޑާއި ދެމެދު އޮތް ވިޔަފާރި ގުޅުން ބަދަހިކުރަނީ


ދިވެހިރާއްޖެއާއި ތައިލޭންޑާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރައްވަމުންދާކަމުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މީހާރު ތައިލެންޑަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރާއި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ސައީދު މިހާރު ތައިލޭންޑަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ތައިލޭންޑުގެ ޖޮއިންޓް ސްޓޭންޑިންގ ކޮމިޓީ ފޮރ ކޮމަރސް، އިންޑަސްޓްރީ އެންޑް ބޭންކިންގެ އިސް ފަރާތްތަކާއިވެސް ބައްދަލްކުރައްވާފައެވެ.

ތައިލޭންޑަކީ ދިވެހި ވިޔަފާރީން އާއްމުކޮށް ދަތުރުކުރާ ޤައުމަކަށްވާއިރު، އެ ޤައުމަށް ދާ ދިވެހިންނަށް ފަސޭހަ އަދި ލުއި ގޮތްތައް ހޯދައިދިނުމަށް މިނިސްޓަރ ސައީދު ވަނީ ތައިލޭންޑްގެ އެކި އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލްކުރައްވާފައެވެ. އެގޮތުން އިއްޔެ މިނިސްޓަރ ސައީދު ވަނީ ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާސް އަޕިރާދީ ޓަންޓްރަޕޯން އާއި ބައްދަލްކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ތައިލޭންޑް ވިސާ ލިބޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާސް ގެ އަރިހުން މިނިސްޓަރ ސައީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ތައިލެންޑަކީ ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިވެރިން ޒިޔާރަތްކުރާ ޤައުމަކަށް ވާތީ، އެފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ޓްރޭޑް އޮފީހެއް ތައިލެންޑްގައި ޤާއިމް ކުރެއްވުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14589007343920.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ތައިލޭންޑުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ތައި ފޮރިން މިނިސްޓްރީ

މީގެ އިތުރުން އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއަށް ހުރި ފުރުސަތުތަކާއި މެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން މިނިސްޓަރ ސަޢީދު ވަނީ ތައިލޭންޑުގެ ބޯރޑް އޮފް އިންވެސްޓްމަންޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ގެ ދާއިރާއިން ދެޤައުމުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، އެދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމުގެ މައްޗަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ސަޢީދުގެ ދަތުރުފުޅު ފެއްޓެވީ މިމަހުގެ 22 ވަނަދުވަހު ބޭއްވުނު 6 ވަނަ މިނިސްޓީރިއަލް ކޮންފަރެސް އޮފް ދަ ބާލީ ޕްރޮސެސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑޮނޭޝިއާގެ ބާލީއަށް ކުރެއްވި ދަތުރުފުޅުންނެވެ.

6 ވަނަ މިނިސްޓީރިއަލް ކޮންފަރެންސްގައި ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ބާލީޕްރޮސެސް ގެދަށުން ހިއުމަން ޓްރެފިކިންގއާއި، ސްމަގްލިން އާއި، އަދި މިކަމާ ގުޅުންހުރި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާފަދަ ކަންކަން ހުއްޓުވުމާއި، އެފަދަ ޙާދިސާތަށް ހިންގުމުން އެކަމަށް ފަސޭހައިން ޑިލް ކުރެވޭނެ މެކޭނިޒަމްއެއް ޤައުމުތަކުގެ މެދުގައި ޤާއިމް ކުރުމާއި، އިރެގިއުލަރ މައިގްރޭޝަނާ ބެހޭގޮތުން ފުރަތަމަފަހަރަށް މިނިސްޓީރިއަލް ޑިކްލެރޭޝަނެއް ހެދުމާއި، އަދި ބާލީ ޕްރޮސެސްގެ ކަންކަކަން ކުރިއަށް ގެންދާނެގޮތުގެ 2 އަހަރުދުވަހުގެ ވޯރކްޕްލޭން ވެސް ފާސްކުރައްވާފައިވެއެވެ.