އިސްރާއީލުން ފަލަސްޠީނަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް ހައްދު ފަހަނައަޅާފައިވާ ކަމަށެވެ. އެހެންކަމުން އާއްމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ރާއްޖެއިން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެންކަމަށެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމުގައިކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމަކީ، މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. ހާއްސަކޮށް އަމާންކަމާއި ސުލްހަ ގާއިމްކުރުމުގައި ސަލާމަތީ މަޖިލީހުން ނުކެޅެދުމުން، އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ އިހްތިޔާރު އދގެ 377 ވަނަ ގަރާރުގެ ދަށުން މެމްބަރުންނަށް ލިބިދެއެވެ.
1950 ވަނަ އަހަރު ފާސްކުރި ގަރާރުގެ ދަށުން މިހާތަނަށް 11 މައްސަލައަކާއި ގުޅިގެން އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވުން ބާއްވާފައިވެއެވެ. މިގޮތުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަކީ 10 ވަނަ މައްސަލައެވެ. އަދި އެ މައްސަލައިގައި އެންމެފަހުން އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބޭއްވީ 2013 ވަނަ އަހަރުއެވެ.