ޚަބަރު

ބުރުންޏާއި މަޑިފުށީގެ ނަރުދަމާ ނިންމާލުން


ތ. އަތޮޅު ބުރުންޏާއި މަޑިފުށީގެ ނަރުދަމާގެ މަސައްކަތް ނިންމަވައި، މިނިސްޓްރީ އޮފް އެންވަރޔަރމަންޓް އެންޑް އެނާރޖީއާ ޙަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިޔަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތުދެއްވަމުން އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލު ވިދާޅުވީ ބުރުންޏާއި މަޑިފުށީގެ ނަރުދަމާގެ މަސައްކަތް ނިންމާ އެންވަޔަރުމަންޓް މިނިސްޓްރީއާ ޙަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ. އަދި ލ. މާމެންދޫގައި ޤާއިމުކުރާ ނަރުދަމާގެ މަސައްކަތްވެސް މިއަހަރު ނިންމާ ޚިދުމަތް އެރަށު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ނިމާލު ވިދާޅުވިއެވެ. މީގެ އިތުރުން ނިމާލު ވިދާޅުވީ ތ. ވޭމަންޑޫގައި ކަރަންޓް ކެނޑެމުންދާ އެމައްސަލަ ޙައްލުކުރުމަށްޓަކައި ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި އާ ޖަނަރޭޓަރެއް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އައްޑޫސިޓީގެ ހުޅުމީދުއާއި މީދޫގެ އިތުރުން ގުޅިފައިވާ ހުރިހާ ރަށަކަށް މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭވަރުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ. އައްޑޫ ސިޓީގެ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ނުވަދިހަފަހެއް އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ފެނަކަ ކޯޕަރޭޝަނުން ގެންދަނީ ދެހާސް ސޯޅަ ވަނައަހަރަށް އަމާޒުކޮށްގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ފެނަކައިން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މިއަހަރު މަސައްކަތް ނިންމައި، ޙިދުމަތް ދެވޭނެ ރަށްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. މިއަހަރު ޚިދުމަތް ދިނުމަށް ފެނަކައިން ރާވާފައިވާ ރައްތަކުގެ ތެރޭގައި ތ. އަތޮޅު ބުރުންޏާއި އެއަތޮޅު މަޑިފުށީގެ ނަރުދަމާގެ މަސައްކަތް ހިމެނެއެވެ.