ކުޅިވަރު

ވެސްޓް ހޭމް ބަލިކޮށް އެސްޓަން ވިލާ ގަދަ ހަތަރަކާ ގާތަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، އެސްޓަން ވިލާއިން ގަދަ ހަތަރަކަށް އެރުމާ ގާތްކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެސްޓަން ވިލާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީވެސް އެސްޓަން ވިލާއިންނެވެ. އޮލީ ވަޓްކިންސް ދިން ބޯޅައަކުން މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަގްލަސް ލުއިޒްއެވެ. އަދި މި މެޗުގައި ވިލާއަށް ލީޑު ފުޅާކޮށްދިނީ ލުއީޒްއެވެ. މިއީ ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން އެ ޓީމުގެ އެޒްރީ ކޮންސާއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އެސްޓަން ވިލާ ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ވެސްޓް ހޭމުގެ ޖެރޮޑް ބޮވެން ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ފަހުން ވިލާއިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ވިލާގެ ތިންވަނަ ލަނޑު މެޗުގެ 74 ވަަަނަ މިނެޓުގައި ވަޓްކިންސް ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ ލެއޯން ބެއިލީއެވެ.

މި މޮޅާއެކު އެސްޓަން ވިލާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ތާވަލުގެ ހަތަރުވަނައިގައި ޓޮޓްނަމް ހޮޓްސްޕާ އޮތީ ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކުއެވެ. އަދި ތިންވަަނައިގައި އޮތް ލިވަޕޫލަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ ނުވަ މެޗު ކުޅެފައެވެ.