މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ނިއު ޒީލަންޑް ބަލިކޮށް، ތާވަލުގެ އެއްވަނައަށް މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އިންޑިއާ ޖެހިލައިފިއެވެ.
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ ހަތަރު ވިކެޓުންނެވެ.
އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން އިންޑިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ޒީލަންޑް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 273 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 127 ބޯޅައިން 130 ލަނޑު ހެދި ޑެރީލް މިޗެލް އެވެ. އަދި އެ ޓީމުގެ ރަޗިން ރަވިންދްރަ ވަނީ 87 ބޯޅައިން 75 ލަނޑު ހަމަކޮށްފައެވެ.
މި އިނިންގްސްގައި އިންޑިއާގެ މުޙައްމަދު ޝަމީ ވަނީ 10 އޯވަރުގައި 54 ލަނޑަށް ފަސް ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ކުލްދީޕް ޔާދަވް ވަނީ 10 އޯވަރުގައި 73 ލަނޑަށް ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި އިންޑިއާ ކުޅެން އަރައި އެ ޓީމުން ވަނީ 48 ވަނަ އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 274 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 104 ބޯޅައިން 95 ލަނޑު ހެދި ވިރާޓް ކޯލީއެވެ. އަދި އެ ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ ވަނީ 40 ބޯޅައިން 46 ލަނޑު ހަމަކޮށްފައެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ތާވަލުގެ އެއްވަނައަށް އިންޑިއާ ޖެހިލީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ 10 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު ނިއު ޒީލަންޑަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.