ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުޢާމަލާތްތަކާ ގުޅޭ ޖިނާޢީ ތަޙުޤީޤަށް އެ އިދާރާ ބަލައި ފާސްކުރިއިރު، އެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކާނީ ތަޙުޤީޤަށްފަހު ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެފްއޭއެމުގެ މާލީ މުއާމަލާތްތަކާއި ގުޅޭ ތަޙުޤީޤެއް ފުލުހުން ފަށާފައިވަނީ ބައިނަލްއަޤުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ، އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި، މަނީ ލޯންޑަރިން އާއި ޚިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލުގެ އަމުރަކަށެވެ.
މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސްއަށް ފުލުހުން އިއްޔެ ވެދެފައިވަނީ ކޯޓު ޢަމުރެއްގެ ދަށުންނެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ރާއްޖެއަކީ ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދަޢުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި، އެ ކަންކަން އެމަގަށް ހިނގުމަށް ދަޢުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.
އަދި މި މައްސަލަ ތަޙުޤީޤުކުރަން އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ. އެހެންވެ އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ހީލަތުގެ ނުވަތަ އެ ނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ، އެ ކަމެއް ތަޙުޤީޤުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ.
މި މައްސަލައިގައި އެފްއޭއެމުގެ ބަހެއް އޮޅުންފިލުވަން، އެ އެސޯސިއޭޝަނުގެ ވަޓްސްއެޕް ގްރޫޕުގައި ސުވާލުކުރުމުން ބައްސާމް ވިދާޅުވީ މި ވަގުތު ކުރިއަށްދާ ކަންކަން ނިމުމުން ޖަވާބުދާރީ ވާނެ ކަމަށެވެ. އަދި އެފްއޭއެމް ހައުސްއަށް ވަންނަން ބައްސާމަށް ހުރަހެއް އޮތްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ނެތް ކަމަށެވެ.
މި ހުރިހާ ތުހުމަތުތަކެއް އެފްއޭއެމަށް އަމާޒުވެފައިވާއިރު، އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ އިދާރާގެ ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
އެފްއޭމުގައި ހުރި މައްސަލަތަކާ ގުޅިގެން ދާދިފަހުން އެ އިދާރާގެ ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.