ޚަބަރު

ސެޓެލައިޓް ސްކޫލް ނިޒާމު ބޭނުންކޮށްގެން ރަކީދޫގައި ކިޔަވައިދޭން ފަށައިފި


  • 3 ދަރިވަރުން މިސްކޫލްގައި ކިޔަވާނެ

  • މިއީ ގްރޭޑު 2 އާއި ގްރޭޑް 6 އާއި 10ގެ ދަރިވަރެއް

  • ރާއްޖޭގެ 6 ރަށެއްގައި ސެޓެލައިޓް ސްކޫލް ޤާއިމްކޮށްފައިވޭ

ވ. ރަކީދޫގައި ސެޓެލައިޓް ސްކޫލް ނިޒާމު ބޭނުންކޮށްގެން މިއަދު ކިޔަވައިދޭން ފަށައިފިއެވެ.

މިސްކޫލްގެ ކިޔެވުން މި ފެށުނީ 3 ދަރިވަރުންނާ އެކުއެވެ. އެއީ ގްރޭޑް 2 ގެ ދަރިވަރަކާއި، ގްރޭޑް 6 ގެ ދަެިވަރެއްގެ އިތުރުން ގްރޭޑް 10ގެ ދަރިވަރެކެވެ.

ރަކީދޫ ސްކޫލާއެކު ރާއްޖޭގެ 6 ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ޤާއިމްކޮށްފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ.

ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ވ.ރަކީދޫގެ އާބާދީއަކީ 376 ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 100 މީހުންނެވެ.

ސްކޫލުގައި ކިޔަވާ ދަރިވަރުން މަދުވެ، ރަކީދޫ ސްކޫލް ބަންދުކޮށްފައިވަނީ މީގެ 15 އަހަރުކުރިންނެވެ. އެރަށު ގިނަ ކުދިން ކިޔަވަން ގޮސްތިބެނީ އެރަށާ ކައިރީގައި އޮންނަ ރަށްރަށުގައެވެ.

ސެޓަލައިޓް ސްކޫލިން މެދުވެރިކޮށް ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ ޢިމާރާތަކާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެއެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ޙަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.