ނަރުދޫ ސްކޫލްގެ އައު އިމާރާތް ބޭނުންކުރަން ފަށާ، ކިޔަވައި ދިނުން އެއް ދަންފަޅިއަށް ބަދަލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނަރުދޫ ސްކޫލުގައި އިމާރާތްކުރި ތިން ބުރީގެ އިމާރަތް ނިމި، ބޭނުން ކުރަން ފެށުމާއެކު މިއަދުން ފެށިގެން އެސްކޫލުގައި ކިޔަވައިދެމުންދާނީ އެއް ދަންފަޅިއަށް ކަމަށެވެ.
ނަރުދޫ ސްކޫލުގެ ތިން ބުރީގެ އިމާރަތުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. އައު ޢިމާރާތުގައި 6 ކްލާސްރޫމޢި، ސްޓާފްރޫމާއި، ކޮމްޕިއުޓަރ ލެބުގެ އިތުރުން ހެލްތް ރޫމެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިއިމާރާތަކީ 9.2 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާފައިވާ އިމާރާތެކެވެ.
މީގެކުރިން ނަރުދޫ ސްކޫލްގައި ކިޔަވައިދެމުން އައީ އެންމެ 5 ކްލާސްރޫމުގައެވެ. އައު އިމާރާތާއެކު ނަރުދޫ ސްކޫލުގައި ދަރިވަރުންނަށް ކިޔަވާދިނުމަށް ޖުމްލަ 11 ކްލާސް ރޫމް ހުންނާނެއެވެ.
ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ ނަރުދޫ ސްކޫލަކީ 147 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ. ނަރުދޫ ސްކޫލުން ހާމަކުރާގޮތުގައި އައު އިމާރާތާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއްވަނީ ލިބިފައެވެ.
އަލަށް ތަރައްޤީކުރާ ހުރިހާ ސްކޫލަކީ އެއްދަންފަޅިއަށް ހިންގާ ސްކޫލްތަކުގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ. އެއްދަންފަޅިއަށް ކިޔަވައިދޭ އުސޫލުގެ ދަށުން ކުދިންނަށް ސްކޫލުގެ ސެޝަން ފެށެނީ ހެނދުނު 8 ޖަހާއިރުއެވެ. އަދި ސްކޫލްގެ ހުރިހާ ހަރަކާތެއް މެންދުރުފަހު 2 ޖަހާއިރަށް ނިންމާލައެވެ. އަދި ސްކޫލްގައި ބޮޑު އިވެންޓެއް ނެތްނަމަ ހަފްތާ ބަންދާއި ރޭގަނޑުގެ ގަޑިތައް ކުދިން ހޭދަކުރާނީ ގޭގައެވެ.
މިއަހަރުގެ ދިރާސީ އައު އަހަރާއެކު މާލެ ސަރަޙައްދުގައި އަލަށް ކިޔަވައިދޭން ފެށި 4 ސްކޫލްގައިވެސް ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތައްވެސް މިހާރުވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފައެވެ. މިސަރުކާރުންވަނީ 30 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފަށާފައެވެ.