ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކުރަނީ


  • މެމްބަރުންނަށްވަނީ ނޯޓިސް ފޮނުވާފައި

  • އެންމެ އަވަހަށްވެސް އެޖެންޑާ ކުރެވޭނީ އާދިއްތަ ދުވަހަށް

  • ގަރާރަށް ބަހުސް ކުރާއިރު ޖަވާބުދާރީވާން 30 މިނެޓު ދޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް މެމްބަރުންނަށް ނޯޓިސް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއި ކުރައްވާ މެންބަރުންނަށް ފޮނުއްވި ނޯޓިސްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހު 29 ވާ އާދިއްތަ ދުވަހަށް އެޖެންޑާކުރެވިދާނެ ކަމަށެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމަނިކުފާނަށް ޖަވާބުދާރީވެވަޑައިގަތުމަށް 30މިނެޓުގެ ފުރުޞަތެއް ދެއްވުމަށް ޢާންމު ކޮމިޓީން ވަނީ ނިންމަވާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން 49 މެންބަރުންގެ ސޮއިކުރައްވާ މަޖިލީހަށް ހުށައެޅުއްވިތާ 3 ދުވަސް ފަހުން، އެ ގަރާރު ބަލައިގަނެ އެ ގަރާރުގެ ނޯޓިސް ފޮނުވާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރެވޭނީ 14 ދުވަހުގެ މުއްދަތު އެ ނޯޓިހުގެ ތާރީޚުން ދިނުމަށް ފަހު ރަސްމީ ދުވަހެއްގައެވެ. މި މައްސަލައިގެ 14ދުވަހުގެ ނޯޓިސް ހަމަވަނީ މިމަހުގެ 26 ވަނަ ދުވަހަށެވެ.


ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ނިންމެވީ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއޮވެ، މަޖިލީހުގެ ރައީސްގެ މަޤާމު އެ ޕާޓީއަށް މުހިންމުކަމަށް ބުނެއެވެ. އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީއަށް އެކި ގެއްލުންތައް ވަމުން އަންނަކަމަށްވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ތުހުމަތުކުރެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މީގެ ކުރިންވެސް މަޖިލީހަށް ހުށައެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި ވައްދާފައި އޮތުމުން އެ މައްސަލަ އެޖެންޑާނުކޮށް ބޭއްވުމަށްފަހު، އެ މައްސަލަ ފަހުން ވަނީ އަނބުރާ ނަންގަވާފައެވެ. މައްސަލަ ނަންގަވާފައިވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކު ހުށައަޅާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެއެވެ. މަޖިލީހުގައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސް މަޤާމުން ވަކިވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންކަމަށްވެސް މަޖިލީހުގެ ޤަވާއދިގައިވެއެވެ.