ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: ލަންކާ އާއި ދެކުނު އެފްރިކާއަށް މޮޅެއް


އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުތަކުން ސްރީ ލަންކާ އާއި ދެކުނު އެފްރިކާ މޮޅުވެއްޖެއެވެ.

ލަކްނައުގައި ހުންނަ އެކަނަ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުން ލަންކާ މޮޅުވީ ނެދަލަންޑްސް އަތުން ފަސް ވިކެޓުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ލަންކާއިން ހޯދި ފުރަތަމަ މޮޅެވެ.

އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން ނެދަލަންޑްސް އެންމެ ފުރަތަމަ ކުޅެން އަރައި 49.4 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 262 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 82 ބޯޅައިން 70 ލަނޑު ހެދި ސައިބްރަންޑް އެންގެލްބްރެކްޓާއި 75 ބޯޅައިން 59 ލަނޑު އެއްކުރި ލޯގަން ވެން ބީކެވެ.

ޖަވާބުގައި ލަންކާ ކުޅެން އަރައި އެ ޓީމުން ވަނީ 48.2 ވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 263 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 107 ބޯޅައިން 91 ލަނޑު ހެދި ސަދީރާ ސަވަރަވިކްރަމާއެވެ.

މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ދެކުނު އެފްރިކާ މޮޅުވީ އިންގްލަންޑް އަތުން ފަސޭހަކަމާއެކު 229 ލަނޑުންނެވެ.

މުމްބާއީގައި ހުންނަ ވަންކެޑޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން އިންގްލަންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު ދެކުނު އެފްރިކާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 399 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 67 ބޯޅައިން 109 ލަނޑު ހެދި ހެއިންރިކް ކްލާސެންއެވެ. އަދ އެ ޓީމުގެ ރީޒާ ހެންޑްރިކްސް ވަނީ 75 ބޯޅައިން 85 ލަނޑު ހަމަކޮށްފައެވެ.

ޖަވާބުގައި އިންގްލަންޑް ކުޅެން އަރައި 22 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 170 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 17 ބޯޅައިން 43 ލަނޑު ހެދި މާކް ވުޑް އާއި 21 ބޯޅައިން 35 ލަނޑު އެއްކުރި ގަސް އެޓްކިންސަންއެވެ.

މި ނަތީޖާތަކާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ތާވަލުގެ ތިންވަނައިގައި ދެކުނު އެފްރިކާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތްވަނައިގައި އޮތް ނެދަލަންޑްސް އާއި، އަށްވަނައިގައި އޮތް ލަންކާ އަދި ނުވަވަނައިގައި އޮތް އިންގްލަންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.