ސިއްހަތު

" ރާއްޖެއިން ޓީބީ ނައްތާލުމަށް ވަނީ އަޒުމް ކަނޑައަޅާފައި "


ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށްގެންދިޔަ "ހެލްތު ކެއާ ޕްރޮވައިޑާރސް އޮން ޓީބީ ކޭސް މެނޭޖްމަންޓް އެންޑް ޓްރީޓްމަންޓް" މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ޓީބީ އަށް ފަރުވާކުރުމާއި މިބަލި ކޮންޓްރޯލް ކުރުމާއި ޓީބީ އަށް ފަރުވާ ދިނުމުގައި އަވަށްޓެރި ޤައުމުތަކާއި އަޅާބަލާއިރު ދިވެހި ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭން ޓީބީ އެއްކޮށް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުގެ އަމާޒަކަށްވެސް ވާންވާނީ ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް އެއްވެސް ތަފާތު ކަމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އަތޮޅުތަކުގެ ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޓީބީ އާއި މެދު ހޭލުތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުމުގައި ލ. އަތޮޅު ނޫން ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއްވައެވެ. މިމަހުގެ އެކާވީހުގައި ފެށި މި މަސައްކަތު ބައްދަލުވުމުގައި ތިރީސް ހަތަރު ފަރާތަކުން ބައިވެރިވެފައިވެއެވެ.