ކުޅިވަރު

ސިޑްނީ މުބާރާތުން ރާއްޖޭގެ ނަބާއަށް ލޯ މެޑަލް


އޮސްޓްރޭލިއާގައި ކުރިއަށްދިޔަ "ސިޑްނީ އިންޓަރނޭޝަނަލް 2023" ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްއިން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުން ނަބާ ލޯ މެޑަލް ހޯދީ ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ. ނަބާ ވަނީ ކުއާޓަރ ފައިނަލުގައި ދެވަނައަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ކާއި ކީއާ އަތުން ފޯރިގަދަ މެޗަކަށްފަހު 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 17-21 އިން ކާއި ގެންގޮސްފައިވަނިކޮށް ނަބާ ވަނީ އަނެއް ދެ ސެޓު 22-20 އަދި 21-12 އިން ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ސެމީއަށް ނަބާ ދަތުރުކުރިއިރު، އިއްޔެ ކުޅުނު ސެމީގައި އޭނާ ވާދަކޮށްފައިވަނީ ތިންވަނައަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ޝައުނާ ލީއާއެވެ. އެ މެޗުން ނަބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ޝައުނާ ގެންގޮސްފައިވަނީ 21-4 އަދި 21-16 އިންނެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލް މެޗު މިއަދު ކުޅެވިގެންދިޔައިރު، ފައިނަލުގައި ޝައުނާ ބަލިކޮށް ރަން މެޑަލް ހޯދާފައިވަނީސިންގަޕޫރުގެ ޔޫ ޔަން ޖަސްލީން ހޫއި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ސިންގަލްސްއިން ރިހި މެޑަލް ހޯދި ނަބާ ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޮނެކްސް ބެންޑިގޯ އިންޓަރނޭޝަނަލް މުބާރާތުގެ ކުއާޓަރ ފައިނަލުންވެސް ފުރުސަތު ހޯދާފައެވެ. މި ދެ މުބާރާތުގެ ކާމިޔާބާއެކު އޭނާއަށް ދުނިޔޭގެ ރޭންކިންގައި ކުރިއަށް ޖެހިލުމަށް ފުރުސަތު ފަހިވާނެއެވެ.