ޚަބަރު

ރޯޔަލް އެއަރފޯސް އުވާލިތާ 40 އަހަރު ފުރުން ފާހަގަ ކުރަނީ


އައްޑު އަތޮޅު ގަމުގައި އިނގިރޭސީން ހިންގި ރޯޔަލް އެއަރފޯސް އުވާލިތާ 40 އަހަރު ފުރުން ފާހަގަ ކުރުމަށް އެތަނުގައި މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ވަފްދެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

"ރޯޔަލް އެއަރފޯސް ގަމުގައި" މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ވަފްދު ރާއްޖެ އައުމުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ފަރާތުންނެވެ. 28 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ވަފުދު ރާއްޖެ އައިސްފައި ވަނީ ރޯޔަލް އެއަރފޯސް އުވާލިތާ 40 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫގައި ބާއްވާ ރިޔޫނިއަންގައި ބައިވެރިވުމަށެވެ.

މިއަދު ރާއްޖެ ޒިޔާރަތްކުރި ވަފުދުގެ އެންމެންވެސް އެމީހުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކާއި ރާއްޖެއިން ވަކިވެގެން ދިޔަ ދުވަސްތަކުގެ ހަނދާންތައް އާކުރަނީ ވަރަށްވެސް އަސަރާއި އެކުއެވެ. އަދި ދިގު މުއްދަތަކަށް ފަހު ރާއްޖެ އެނބުރި އާދެވުމުން، ރާއްޖޭގެ އިހުގެވެސް އޮތް މެހްމާންދާރީ އާއި ކަންކަން އަދިވެސް ފެންނަމުންދާތީ އުފާކުރާކަމަށް އެމީހުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14588375272017.jpg|ވަފްދުގެ ބައެއް މެމްބަރުން މީޑިޔާތަކަށް އިންޓަވިއު ދެނީ - ފޮޓޯ: ޕީއެސްއެމް

މި ވަފުދުގެ ފަރާތުން އައްޑޫސިޓީގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި ވާކަމަށް ވަފުދުގެ ބައިވެރިން ބުނެއެވެ. އެގޮތުން އައްޑޫގެ ކުޑަކުދިންނަށް ލައިބްރަރީއެއް ހަދިޔާ ކުރުމާއި ހޮސްޕިޓަލަށް ބައެއް ތަކެތި ހަދިޔާކުރުމުގެ އިތުރުން ސަޕްރައިޒް ބައެއް ހަރަކާތްތައްވެސް ހިންގުމަށް ނިންމާފައި ވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ވަފުދުގެ ބައިވެރިން ރާއްޖެ ޒިޔާރަތްކުރާ ދަތުރާއިގުޅޭ މަޢުލޫމާތު އިނގިރޭސި ރާނީއަށް ވެސްވަނީ އެ ވަފުދުގެ ފަރާތުން އަރުވާފައެވެ. އަދި ރާނީގެ ހެޔޮއެދުންތަށް އައްޑޫ ސިޓީގެ ރައްޔިތުން ފޯރުކޮށްދިނުމަށް ރާނީވަނީ އެދިވަޑައިގެންފައެވެ.

img:http://s4.psmnews.mv/images/660x400/14588376074111.jpg|ވަފްދުގެ މެމްބަރުން އެއަރޕޯޓްގައި މަޑުކޮށްލައިގެން - ފޮޓޯ: ޕީއެސްއެމް

މިއަހަރަކީ އެއަރފޯސްގެ މެމްބަރުން ރާއްޖޭގައި ރިޔޫނިއަން ބާއްވާ 4 ވަނަ އަހަރެވެ. ނަމަވެސް މިއަހަރު ހާއްސަ ވެގެންދަނީ އެއަރފޯސްގެ އެންމެ ގިނަ މެމްބަރުން އެއްފަހަރާ ބައްދަލުވާ އަހަރަށް ވުމާއި، ރޯޔަލް އެއަރފޯސް އުވާލިތާ 40 އަހަރު ފުރޭ އަހަރަށް ވުމުންނެވެ.