ޚަބަރު

ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ޔަހޫދީން ހައްޔަރުކޮށްފި


ފާއިތުވި ދެ ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރިން 5،000 މީހުން ޔަހޫދީ ފައުޖުތަކުން ހައްޔަރުކޮށްފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީ ފައުޖުތަކާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައިވާ ދަނޑިވަޅުގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންވެސްވަނީ ޔަހޫދީންގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ތެދުވެފައެވެ. އެ ގޮތުން ޔަހޫދީންނާ ދެކޮޅަށް ބަދަލުކުރި ޙަމަލާތަކުގައި ފަލަސްޠީނުގެ 100އެއްހާ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ އެކި އަވަށްތަކަށް ވަދެގަނެ ޔަހޫދީ ފައުޖުތަކުންވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށާއި މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ފަލަސްޠީނުގެ މަސްދަރުތަކުން ބުނެފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރިން ހައްޔަރުކުރި އެތައް ހާސް މީހުންގެ ތެރޭގައި ވަޒިފާ އަދާކުރުމަށް ޣައްޒާއިން އެތެރެވެފައިވާ 4،000 މީހުން ހިމެނެއެވެ. އެ މީހުންނަށް ދީފައިވާ ހުއްދަތައް ބާޠިލުކުރުމަށްފަހު ޔަހޫދީ ފައުޖުތަކުންވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. ހުޅަނގު އައްސޭރިން ދެން ހައްޔަރުކޮށްފައިވަނީ ޔަހޫދީ ފައުޖުތަކާ ކުރިމަތިލުމަށް ނުކުތް 1،000 މީހުންނެވެ. އެ ކުރިމަތިލުންތަކުގައި 4،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.