ޣައްޒާއަށް އިންސާނީ އެހީތައް ވަނުމަށް ހުއްދަ ނުދީފިނަމަ ނުރައްކާތެރިވާ ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އެބައޮތް ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތަކުން އިންޒަރުދީފިއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އެތައް ބަޔަކު މަރުވަމުންދާއިރު، އެތަށް ބަޔަކު މަގުމަތިވެ ބޭނުންވާ ޒަރޫރީ ބޭނުންތަކުން ވަނީ މަހްރޫމްވެފައެވެ. އެގޮތުން އެކަށީގެންވާ ސިއްހީ ޚިދުމަތްތަކާއި ފެނާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެތައް ތުއްތު ކުދިންނެއް ދަނީ ދުނިޔެ ދޫކުރަމުންނެވެ.
ގްލާބަލް ކޮން ޕްރޮފިޓް އޮކްސްފެމް އިންޓަރނޭޝަނަލްގެ ފެނާއި ސާފުތާހިރުކަމުގެ އޮފިސަރެއް ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވާ ވަސީމް މުޝްތަހާއަށް ފެންނަނީ ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކާރިސާގެ ނިޝާންތައް އޭނާގެ ވަށައިގެންނެވެ.
"މީހުން ނިދަނީ މަގުމަތީގައި، ފިހާރަތަކުގައި، މިސްކިތްތަކާއި، ކާރުތަކުގައި." އޭނާ ބުންޏެވެ. އޭނާގެ އާއިލާ ދިރިއުޅެނީ 200 އަކަމީޓަރުގެ އެޕާޓްމެންޓަކަށް ޖަމާވެފައިވާ ގާތްގަނޑަކަށް 100 މީހުންނާއެކު ކަމަށް ވިޔަސް ބޯހިޔާ ކޮށްލަން ތަނެއް ލިބުނު ކަމަށްޓަކައި އެމީހުންނަކީ ނަސީބުވެރިންކަމުގައި ދެކޭ ކަމަށް މުޝްތަހާ ބުންޏެވެ.
މުޝްތަހާ ވަނީ 24 ގަޑިއިރު ތެރޭގައި އޭނާގެ އާއިލާގެ ފެން ހުސްވާނެކަމަށް ލަފާކޮށްފައެވެ. އެއަށްފަހު ވާނެގޮތެއް އޭނާއަކަށް ނޭނގޭކަމަށް އޭނާ ބުންޏެވެ. "މާރުކޭޓަށް ގޮސް ލިބެން ހުރި އެއްޗެއް ގަންނާނަން." އޭނާ އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.
ޣައްޒާގައި ހުޅުވިފައިވާ މަދު ސުޕަމާކެޓުތަކުން ސާފުތާހިރުވުމަށް ބޭނުންވާ އުފެއްދުންތައް ހުސްވެފައިވާއިރު، ސޯލާއިން ކަރަންޓް އުފައްދާ ކުދި ޑީސެލިނޭޝަން ފެސިލިޓީތައް ހިންގާ އަމިއްލަ ވިޔަފާރިވެރިން ވިއްކާ ފެނުގެ އަގު ދެގުނައަށްވަނީ އިތުރުވެފައެވެ. ކުރިން އެތަކެތީގެ އަގު 7.40 ޑޮލަރުގައި ހުރި ނަމަވެސް މިހާރު އޭގެ އަގު ވަނީ 15 ޑޮލަރަށް އަރާފައެވެ.
ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ފެނާއި ސާފުތާހިރުވުމަށް ބޭނުންވާ ޚިދުމަތްތައް ފުނޑުފުނޑުވުން:
ފެނާއި ނަރުދަމާގެ ޚިދުމަތްތައް ނެތުމާއެކު އަވަހަށް އިންސާނީ އެހީތެރިކަމެއް ފޯރުކޮށް ނުދީފިނަމަ ކޮލެރާ އާއި އެނޫންވެސް ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު އޮކްސްފެމް އިންޓަރނޭޝަނަލް އަދި އ.ދ އިން ވަނީ ދީފައެވެ. ޣައްޒާގެ 65 ނަރުދަމާ ޕަމްޕިން ސްޓޭޝަންތަކާއި ކުނި ސާފުކުރާ 5 ފެސިިލިޓީވެސް ވަނީ އެތަންތަނުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މަޖުބޫރުވެފައެވެ.
އޮކްސްފެމް އިންޓަރނޭޝަނަލް އިން ބުނާ ގޮތުގައި ޣައްޒާގައި މިހާރު ސާފު ނުކުރެވި ހުރި ނަޖިސްތައް ކަނޑަށް ދޫކުރަމުންދާއިރު، ވަޅުލުމަށް އިންތިޒާމު ކުރަމުންދާ އިސްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާ ހަށިގަނޑުތަކާއެކު ސޮލިޑް ވޭސްޓް މަގުމައްޗަށް ދަނީ އެކުވަމުންނެވެ. އަދި ޑީސެލިނޭޝަން ޕްލާންޓުތަކުގެ މަސައްކަތް ހުއްޓި، މުނީސިޕަލް މީހުން ދިިރިއުޅޭ ސަރަހައްދުތަކަށް ފެން ޕަންޕު ނުކުރެވެނީ ކަރަންޓުގެ ދަތިކަމުގެ ސަބަބުންނެވެ.
އދ އިން ބުނާ ގޮތުގައި މިވަގުތު ޣައްޒާގެ ކޮންމެ ރައްޔިތަކަށް ލިބެމުންދަނީ ދުވާލަކު ތިން ލީޓަރު ފެނެވެ. އެއީ ކެއުމާއި ބުއިމާއި ދޮވުމާއިި ފާހަނާކުރުމަށެވެ. ނަމަވެސް މިއީ ވަރަށް މަދުމިންވަރެއްކަމަށް އދ. އިން ބުނެއެވެ. އެހެނީ ދުވާލެއްގެ މައްޗަށް 50-100 ލީޓަރާ ދެމެދުގެ މިންވަރަށް ފެން އިންސާނާއަށް ލިއްބައިދިނުމަކީ މީހެއްގެ ސިއްހީ އަސާސީ ޝަރުތު ފުރިހަމަވުމަވާނެ މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.