އެކި ކުޅިވަރުތަކުން ޤައުމީ ރިކޯޑު ގާއިމުކޮށްފައިވާ ދިވެހި އެތުލީޓުންގެ އަގުވަޒަންކޮށްފިއެވެ.
ޤައުމީ ފެންވަރެއްގައި ފުރަތަމަ ފަހަރަށް ޤައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންގެ އަގުވަޒަންކޮށްފައިވަނީ "ސެލެބްރޭޓިންގ ސްޕޯޓްސް" ގެ ނަމުގައި ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޚާއްސަ ހަފުލާގެ ތެރެއިންނެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ބޭއްވި މި ހަފުލާގައި ވަނީ އެތުލެޓިކްސް އާއި، ސްވިމިން އަދި ޝޫޓިންއިން ޤައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންނަށް މެޑެއްޔަކާއެކު ޚާއްސަ ހަނދާނީ ލިޔުމެއް އަރުވާފައެވެ. މީގެ އިތުރުން މި ހަފުލާގައި ވަނީ ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގައި އަލަށް ހިމެނުނު އެތުލީޓުންނަށް ރަސްމީ ލިޔުންވެސް އަރުވާފައެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ޤައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންނަށް މަރުޙަބާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުޅިވަރުގެ މުހިންމުކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށާއި، އެގޮތުން މުސްތަގުބަލުގެ ޖީލު ބިނާކުރަން ކުޅިވަރަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުޅިވަރު އެތުލީޓުންގެ ކާމިޔާބީ މިއަދު ފާހަގަކުރާއިރު، ރިކޯޑެއް ހެދުމަކީ އެއް ގޮތަކަށްވެސް ފަސޭހަކަމެއް ނޫން ކަމަށާއި، އެކަމުގައި ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތް އެކުލެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ޒަމާނުއްސުރެ އެކި ކުޅިވަރުތަކުން ދިވެހި އެތުލީޓުން މުގުރާލާ ޤައުމީ ރިކޯޑުތަކުގެ އަގުވަޒަން ނުކުރެވި އޮތް އޮތުން، ރޭގެ ހަފުލާއާއެކު ބަދަލުކޮށްލެވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ. އަދި މަޑަގަސްކަރައިގައި މި ފަހުން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރާ ކަމަށާއި، އަރުތަ ޕްރޮގްރާމާއެކު ދިވެހި އެތުލީޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެ ގޭމްސްގައި ދައްކުވައިދިން ކަމަށްވެސް ވިދާޅުވިއެވެ.
އެކި ކުޅިވަރުތަކުން ޤައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންގެ އަގުވަޒަންކުރުމަށް ރޭ ޚާއްސަ ހަފުލާއެއް ބޭއްވިއިރު، މި ހަފުލާގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ އެތުލީޓުންނާއި، އެ އެތުލީޓުންގެ ބެލެނިވެރިން އަދި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.