ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިހާތަނަށް 9 މަސް ދޯންޏަކުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެގޮތުން ދިވެހި މަސްވެރިންގެ ތެރެއިން ގިނަ ބަޔަކު، އެމީހުންނަށް ލިބުނު އާމްދަނީން މިންވަރެއް ފަލަސްތީނުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް ދަނީ ހަދިޔާކުރަމުންނެވެ.
- ގއ.ވިލިނގިލީ ކަރަވައްތާ ދޯނި - 25000 ރުފިޔާ
- ގއ.ވިލިނގިލީ ހުސްނީ ދޯނި - 25000 ރުފިޔާ
- ގއ.ވިލިނގިލީ އުޖާލާ ދޯނި - 25000 ރުފިޔާ
- ގއ. ކަނޑުހުޅުދޫ ސީހޯސް 3 ދޯނި - 50000 ރުފިޔާ
- ގއ. މާމެންދޫ ދުވެލި (6) ދޯނި - 25000 ރުފިޔާ
- ގއ. މާމެންދޫ ހުޝިޔާރު ދޯނި - 25000 ރުފިޔާ،
- ފަރެސްމާތޮޑާ ޑެއިޒީ ވިއު ދޯނި - 25000 ރުފިޔާ
- ލ.މާވަށު ރަންދޯދި ދޯނި - 25000 ރުފިޔާ
- ގއ.ކޮލަމާފުށި ރާސްތާ ދޯނި - 127433 ރުފިޔާ
މިނުވަ މަސް ދޯނިން ފަލަސްތީން ފަންޑަށް ހަދިޔާކުރި ފައިސާގެ ޖުމްލައަކީ 3،52،433 ރުފިޔާއެވެ.
މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. ޔަހޫދީ އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
މި ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ދިވެހިންވެސް އަންނަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ހުޅުވާފައިވާއިރު، މި ފަންޑަށް ގިނަ ފަރާތްތަކުން ދަނީ ފައިސާ ހަދިޔާކުރަމުންނެވެ.
އައި.އޭ.ސީގެ އިތުރުން، ފަލަސްތީނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ޚާއްސަ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑު އެއްކުރުމަށް ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
ފަލަސްތީނުގެ މުސްލިމް ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި އަޑުއުފުލަމުންނެވެ.