ޒަޔަނިސްޓު އިސްރާޢީލުން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 4,137 އަށް އަރައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 1,661 ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ޣައްޒާއަށް މެދުކެނޑުމެއް ނެތި ވައިގެ ހަމަލަތައް ދޭން ފަށާފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުއެވެ.
ޒަޔަނިސްޓު އަސްކަރިއްޔާގެ އުދުވާނީ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށެވެ. އަދި، ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އެހެން މަރުކަޒުތަކާއި، މިސައިލް ހަމަލަތަކުން ރައްކާތެރިކަން ހޯދަން ހިޔާވަހިކަން ހޯދަމުންދާ ޢިމާރާތްތަކަށެވެ.
މި ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 13,260 އަށް އަރައެވެ. އޭގެ ތެރޭގައި ވެސް ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 1,400 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް 720 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމުގައި ޤުދްރާ ވިދާޅުވިއެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ދަނީ ގަސްދުގައި ހަމަލަތައް އަމާޒު ކުރަމުންނެވެ. އެ ތަންތަނަށް ބޮން އަޅައި ސުންނާފަތި ކުރަމުންނެވެ. މި ފަދަ ހަމަލަތަކާ ގުޅިގެން ޣައްޒާގެ ހަތް ހޮސްޕިޓަލާއި 21 ޞިއްޙީ މަރުކަޒު މިހާރު ބަންދު ކޮށްފައިވާ ކަމުގައި ޤުދްރާ ވިދާޅުވިއެވެ. ޔަހޫދީ ސިފައިން ދަނީ ޞިއްޙީ ޚިދުމަތްތެރިންނަށް ވެސް ހަމަލަ ދެމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު އުދުވާން ފެށި ފަހުން ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު މިހާރު ވަނީ 46 އަށް އަރާފައެވެ. އަދި، 23 އެމްބިޔުލާންސަކަށް ވެސް ޒަޔަނިސްޓު އަސްކަރިއްޔާއިން ވަނީ ބޮން އަޅާފައެވެ.
"ޔަހޫދީ ސިފައިން ޣައްޒާގައި ހިންގަމުން އެ ދަނީ ލާއިންސާނީ ޖަރީމާތަކެއް. ގަތުލުއާންމެއް. އެ ދަނީ އެއްވެސް ފަރުވާލެއް ނެތި މުސްލިމުން ޝަހީދު ކުރަމުން. އަދި، ޣައްޒާގައި ދިރިއުޅޭ ނަޞްރާނީން މަރަމުން. ކުރިއަށް އޮތް ތަނުގައި އިސްރާޢީލުން ބޮޑެތި ޖަރީމާތަކެއް ހިންގާނެ. ނަމަވެސް، ދުނިޔެ އޮތީ އަތް އުރައިލައިގެން ބަލަން،" ޤުދްރާ ވިދާޅުވިއެވެ.
އޮކްޓޫބަރު 17 ވަނަ ދުވަހު ޔަހޫދީ އިސްރާޢީލުން ވަނީ ޣައްޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ވެސް ބޮން އަޅާފައެވެ. އެ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 470 އަށްވުރެ މައްޗަށް އަރައެވެ. އެ ހޮސްޕިޓަލަކީ ބަލި މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން، ޔަހޫދީން ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ހިމާޔަތާއި ރައްކާތެރިކަން ހޯދަމުން ދިޔަ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލަށް ދިން ރަޙުމު ކުޑަ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މުޅި ދުނިޔެއިން ވަނީ ޔަހޫދީންގެ އެ ހަމަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ނަމަވެސް، ޔަހޫދީ އިސްރާޢީލާއި އެ ބައިގަނޑަށް ވާގިވެރިވާ އެމެރިކާއިން ވަނީ އެއީ ޒަޔަނިސްޓު އަސްކަރިއްޔާއިން ދީފައިވާ ހަމަލައެއް ކަން ގަބޫލު ކުރަން ދެކޮޅު ހަދާފައެވެ.
އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ވަނީ އަލް-އަހްލީ ހޮސްޕިޓަލަށް ދީފައިވާ ރަޙުމު ކުޑަ ހަމަލާގެ ފުރިހަމަ ތަހުޤީޤެއް ހިންގަން ގޮވައިލާފައެވެ. "އަޅުގަނޑުމެން މިހާރު މި ދަނީ އަލް-އަހްލީ ހޮސްޕިޓަލަށް ދީފައިވާ ހަމަލައާ ގުޅޭ މަޢުލޫމާތު އެއް ކުރަމުން،" އެ އިދާރާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ޒަޔަނިސްޓުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަމިޓެއް ބާއްވަން މިޞްރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވަން ތައްޔާރުވަމުންދާ ޞުލްޙައިގެ ސަމިޓުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިޞްރުގެ އިތުރުން މި ސަމިޓުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ބަޙްރައިން، ސައިޕްރަސް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޖަޕާން، ކުވައިތު އަދި ދެކުނު އެފްރިކާ ހިމެނެއެވެ. މީގެ އިތުރުން، ވިލާތުގެ ކައުންސިލްގެ ރައީސް ވެސް މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.