އިސްރާޢީލުގެ ރަައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެޤައުމުގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްރާޢީލުގެ ފޮރިން މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނީ އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް އޮތް ދެކޮޅުވެރިކަމާއި ނުރުހުމުގެ މާހައުލު ވަރުގަދަވަމުންދާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ ޒިޔާރަތްކުރުން ރަނގަޅު ނޫންކަމަށްވެސް އިސްރާއިލުގެ ބަޔާނުގައިވެއެވެ.
އެޤައުމުގެ ފޮރިން މިނިސްޓްރީން މިފަދަ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާއިރު، ރާއްޖޭގެ ރައްޔިތުންވެސް ދަނީ އިސްރާއިލް ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން ނިމުނު ހަފްތާތެރޭގައި ރައްޔިތުންގެ މަޖްލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު، ވަނީ އިސްރާޢީލުގެ ފަތުރުވެރިން ރާއްޖެއަށް އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ގޮވާލާ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
ހައިތަމްގެ ސިޓީގައި ވިދާޅުވެފައިވަނީ، އިސްރާޢީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކަކީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ރާއްޖެއިން އޮވެ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އިސްެރާއީލާއި ދެކޮޅަށް ރާއްޖޭގައި ނުރުހުމާއި ދެކޮޅުވެރިކަމުގެ މާހައުލެއް އުފެދިފައި މިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް މުސްލިމުންނެއް ޝަހީދުވެ، އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައެެވެ. މީގެއިތުރުން ޔަހޫދީން ދަނީ ފަލަސްތީނަށް އެހީވާން ޤައުމުތަކުން ކުރާ މަސައްކަތަށްވެސް ހުރަސް އަޅަމުންކަން ފާހަގަކޮށްލެވެއެވެ.