ކުޅިވަރު

މަކާއޯ އަތުންވެސް ރާއްޖޭގެ އަންހެން ޓެނިސް ޓީމަށް މޮޅެއް


މިހާރު ބަހްރެއިނުގައި ކުރިއަށްދާ ބިލީޖީން ކިންގް ކަޕުގެ އޭޝިއާ އަދި އޯޝޭނިއާ ގުރޫޕް ތިނެއްގައި ވާދަކޮށް ރާއްޖޭގެ އަންހެން ޓެނިސް ޓީމުން މަކާއޯ ބަލިކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-1 ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ލަޔާން ޝާމިން ވަނީ ލިއޮންގް ވެންގްސީ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެއީ 7-5 އަދި 6-1 އިންނެވެ. އަދި ދެވަނަ ގޭމް ވާދަވެރިކޮށްދިޔައިރު، ރާއްޖޭގެ އާރާ އާސާލް އާޒިމް މި ގޭމް ކާމިޔާބުކުރީ ފަހަތުން އަރައެވެ. އެގޮތުން މި ގޭމުގެ ފުރަތަމަ ސެޓު 7-6 އިން މަކާއޯގެ ލައު ޖަމީ ކާމިޔާބުކުރި ނަމަވެސް، ފަހު ދެ ސެޓު އާރާ ކާމިޔާބުކުރީ 6-0 އަދި 6-2 އިންނެވެ.

މި މެޗުގެ ތިންވަނަ ގޭމު ގެންދިޔައީ މަކާއޯގެ ޕެއާއިންނެވެ. މި ގޭމުގައި ރާއްޖޭގެ ނަޔާރާ އާއި އުސާމާ އަލީގެ ޕެއާ ވާދަކުރީ މަކާއޯގެ އީޔޫ ސީ ނޮންގް އާއި ލިއޮގް ވެންގްސީއާއެވެ. މަކާއޯގެ ޕެއާއިން މި ގޭމު ގެންދިޔައީ 6-0 އަދި 6-2 އިންނެވެ.

މިއީ މުބާރާތުގައި ރާއްޖެއިން ހޯދި ދެވަނަ މޮޅެވެ. އެގޮތުން ރާއްޖެއިން ވަނީ މުބާރާތުގައި ފުރަތަމަ މެޗުގައި ބަހްރެއިން ބަލިކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އާރާ އާއި، ލަޔާން ޝާމިންގެ އިތުރުން ނަޔާރާ އުސާމާ އަލީ އަދި މިޝާލް މުޙައްމަދެވެ. މި މުބާރާތުގައި ރާއްޖެއިން މިދިޔަ އަހަރު އަލަށް ވާދަކުރިއިރު، ކޮންމެ އަހަރުކުވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއް ޖެހިގެން އަންނަ އަހަރުގެ މުބާރާތުގެ ދެން އޮންނަ ގުރޫޕަށް ކޮލިފައިވާނެއެވެ.

އޭޝިއާ އަދި އޯޝޭނިއާ ގުރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން ބޫޓާނާއި، ބުރޫނާއި ދާރުއްސަލާމާއި، އިރާނާއި، އިރާގާއި، ކިރްގިސްތާނާއި، ލާއޯސް އާއި، މަކާއޯ އާއި، ނޭޕާލާއި، ޤަތަރާއި، ސައުދީ އަރަބިއްޔާ އާއި، ތަޖަކިސްތާން އަދި ވިއެޓްނާމެވެ. މި އަހަރުގެ މުބާރާތުގައި 14 ޤައުމެއް ވާދަކުރެއެވެ.