ޚަބަރު

މަރުވެފައި އޮއްވާ ފެނުނީ ރޭ ރަސްފަނު ކައިރިން މޫދަށް ފުންމާލި މީހާ


  • މިހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ އިރާކޮޅު

  • މި މީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ، ދޫނިދޫ ކައިރިން

  • މައްސަލަ ފުލުހުން އަންނަނީ ބަލަމުން

ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ 41 އަހަރުގެ ދިވެހި ފިރިހެނެށްކަމަށާއި، އޭނާގެ ހަށިގަނޑު މިހާރު އާއިލާއާއި ހަވަލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ރޭ 19:54 ހާއިރު މާލޭގައި ރަސްފަންނު ކައިރި މޫދަށް މީހަކު ފުންމާލިކަމަށް ބެލެވިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ އެމީހާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު ދޫނިދޫ ކައިރި ކަނޑުމަތިންނެވެ.

ރޭ މި ޙާދިސާ ރިޕޯޓްކުރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އިން އެމީހާ ހޯދަމުން ދަނިކޮށް، ދޫނިދޫ ކައިރިން އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 09:19ހާއިރުއެވެ.

މި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން މާލެ ގެނެސް، މިހާރު އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީހާ ހޯދުމުގެ ގޮތުން ކޯސްޓްގަރޑްގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.