ޚަބަރު

ޣައްޒާގެ މައްސަލާގައި ބާއްވާ އޯއައިސީގެ ކުއްލި ބައްދަލުވުން ފަށައިފި، ރާއްޖެއިން ބައިވެރިވޭ


  • މިއީ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްދާ މިބައްދަލުވުމެއް

  • ބައްދަލުން 15:00ގައި ވަނީ ފަށާފައި

  • މި މައްސަލައިގައި ރާއްޖެއިން ތަގުރީރުކުރާނެ

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތަކާ ގުޅިގެން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އަ.ސީ.)އިން މިހާރު ފަށައިގެން ކުރިއަށްގެންދާ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެރިވެއްޖެއެވެ.

މި ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އަ.ސީ.)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމެކެވެ.

އޯއައިސީއަކީ އިސްލާމީ އުންމަތުގެ ސުލްހަޔާއި މަސްލަހަތަށްޓަކައި މަސައްކަތްކުރުމަށް، އިސްލާމީ ޤައުމުތަކުގެ ވެރިން ހިމެނިވަޑައިގަންވާގޮތަށް އުފައްދާވާފައިވާ މިފަދަ އެންމެ ބޮޑު ޖަމުޢިއްޔާއެވެ.

ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްދާ މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ، އިސްލާމިކް ސަމިޓާއި، އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައިވާ ސަޢުދީ ޢަރަބިއްޔާއިންނެވެ މިބައްދަލުވުން ކުރިއަށްދަނީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި އޮފީހުގައެވެ. ބައްދަލުވުން ފަށާފައިވަނީ މިއަދު މެންދުރު ފަހު 03:00ގައެވެ.

މި ބައްދަލުވުމުގައި އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާއާއި އޯ.އަ.ސީ.ގެ ސެކްރެޓަރީ ޖެނެރަލް އަދި ފަލަސްތީނުގެ ޚާރިޖީ ވަޒީރުގެ ތަޤްރީރުކުރައްވަން ހަމަޖެހިފައިވެއެވެ. އެއަށްފަހު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަފްދުތަކުގެ އިސްވެރިންނަށް ތަޤްރީރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ދިވެހިރާއްޖެއިން ވެސް މިބައްދަލުވުމުގައި ތަޤުރީރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލްއެވެ.

ދިވެހިރާއްޖެ އޯ.އައި.ސީ.އާ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ގުޅިފައިވަނީ 1976 ވަނަ އަހަރެވެ. އެއަށްފަހު ދިވެހިރާއްޖެ އިން ދަނީ އެ ޖަމުޢިއްޔާގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިސްކަންދީ އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކާ ގުޅިގެން އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށް ވަރަށް ބާރު މިނުގައި މަސައްކަތްކުރަމުންނެވެ.