ޚަބަރު

ޣައްޒާގެ ހޮސްޕިޓަލަށް ޔަހޫދީން ދިން ހަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި


  • ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ދިނުމަށް ގޮވާލެއްވި

  • ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު އަމަލެއްކަމަށް ވިދާޅުވި

  • އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ދިން ހަމަލާގައި 500އަށްވުރެ ގިނަ މީހުން ޝަހީދުވި

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ރަޙުމު ކުޑަ ހަމަލާ، އެންމެ ހަރުކަށި ޢިބާރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ކުށްވެރިކުރައްވައިފިއެވެ.

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާގައި ހޮސްޕިޓަލް އެއްކޮށް ފުނޑުފުނޑުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މި ނިރުބަވެރި ހަމަލާ ކުއްވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ޢަމަލެއްކަމަށެވެ. ރައީސް ސާލިހު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބާރުއަޅައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިތައް ހަމަޖައްސައި، އެހީ ފޯރުކޮށްދޭނެ މަގުތައް ފަހިކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ބާރު އެޅުމަށް ގޮވާލައްވާފައެވެ.

ޢައްޒާގެ ހޮސްޕިޓަލަށް އިސްރާއިލުން ދިން ހަމަލާ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ ކުށްވެރިކުރައްވާފައެވެ. ޝާހިދުގެ ޓްވީޓްގައި ވިދާޅުވީ ހޮސްޕިޓަލްތަކަށާއި މަދަނީ އިންފްރާސްޓްރަކްޗަރަށާއި އާންމުންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފުކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި ގަސްތުގައި ހިންގާ މި އަނިޔާވެރި އަމަލުތަކަށް ނިމުމެއް ގެނައުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ގޮތުން އެއްވެސް ހުރަހެއް ނެތި ވަދެވޭނެ ގޮތް ކަށަވަރުކުރުމަށް ޝާހިދު ވަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

ރޭ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ރަޙުމު ކުޑަ ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ބަލި މީހުންގެ ވެސް ހިމެނެއެވެ. އަދި، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެސްވެފައެވެ.

ފަލަސްތީނުގެ ބިންތައް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ޔަހޫދީ އިސްރާޢީލުން ފަލަސްތީންއަށް ދެމުންދާ ޙަމަލަތަކުގައި މިހާތަނަށް 3000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.