ޚަބަރު

ޣައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


  • ޢައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ އިންސާނިއްޔަތާ ހިލާފުކަމަށް ބަޔާނުގައިވޭ

  • އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތް އަވަސްކުރުމަށް ގޮވާލި

  • ހޮސްޕިޓަލަށް ދިން ހަމަލާގައި 500އަށްވުރެ ގިނަ މީހުން ޝަހީދުވި

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރަމެވެ.

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން މިޙަމަލާގައި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ.

ހޮސްޕިޓަލަށް އިސްރާއިލުން ދިން ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލްތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ.

ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާއި ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން މި ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ރާއްޖެއިން ގޮވާލެއްވިއެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. މިއީ މިހާތަނަށް އިސްރާއިލުން ޣައްޒާއަށް ދިން އެންމެ ބޮޑު އެއް ހަމަލާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލުގައި ޔަހޫދީންގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުން ވަގުތީ ހިޔާވަހިކަމުގައި އެތަނުގައި ތިއްބެވެ. މި ހަމަލާގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ބެލެވޭކަމަށްވެސް އެ ޤައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.