ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގާއިމްކޮށްފައިވާ ފަންޑަށް އެހީ ހޯދުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
13 ގަޑިއިރަށް ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާލިއިރު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ގާއިމްކޮށްފައިވާ ފަންޑަށް އެހީގެ ގޮތުގައި ވަނީ 12.5 މިލިއަން ރުފިޔާ ލިބިފައެވެ.
މި ޓެލެތޯންއަކީ، އިސްރާއިލުން ގަދަބާރުން ފަލަސްތީނުގެ ބިންތަކަށް އަރާ ހިންގަމުންދާ ޖަރީމާރަތަކުގައި ޙާލުގައިޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ހޯދުމަށް ހިންގި ޓެލެތޯންއެކެވެ. މި ޓެލެތޯންގެ ތެރެއިން ވަނީ ފަލަސްތީނުގެ ތާރީޚީ ވާހަކަތަކާއި، އިސްރާއީލުންް ފަލަސްތީނުގެ ބިންތައް ހިފާ ހިންގަމުންދާ ޖަރީމާތަކަށް އަލިއަޅުވާލާ އެކިއެކި ވީޑިއޯ ރިޕޯޓްތައް ގެނެސްދީފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަންލް އެއިޑް ކެމްޕެއިންގެ ފަރާތުން، ޕަލަސްތީނުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި ގުޅޭ މަޢުލޫމާތު ތަފްސީލީގޮތެއްގައި ވަނީ ގެނެސްދީފައެވެ. މީގެއިތުރުން މަސްރަޙު ދިރާސާކުރާ ފަރާތްތަކާއި އަދި ދިނީ ނަޒަރަކުން މި ހާދިސާއާއި ގުޅޭ ވާހަކަތައް ވަނީ ގެނެސްދީފައެވެ.
މި ޓެލެތޯންގެ އެންމެ ބޮޑު ބޭނުމަކީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަންޑު ހޯދުމެވެ. ޓެލެތޯން ކުރިއަށްގެންދިޔައީ އިއްޔެ ހެނދުނު 10:30އިން ރޭގެ 12:00އާއި ހަމައަށެވެ. 13ގަޑިއިރާއި 30 މިނެޓުގެ މި ޓެލެތޯން ނިންމާލިއިރު 12.5 މިލިއަންށްވުރެ ގިނަ ރުފިޔާ ވަނީ، ދިވެހިންގެ ފަރާތުން މި ފަންޑަށް ހަދިޔާކޮށްފައެވެ. އަދި ޑޮލަރުގެ ގޮތުގައި 8300އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ޖަމާކޮށްފައިވެއެވެ.
ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެކިއެކި ޖަމިއްޔާ ޖަމާތްތަކާއި، ކުންފުނިތަކާއި އަދި ގިނަ އަދަދަކަށް އާއްމުން ބައިވެރިވެފައިވެއެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުުރުން ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާއާއި އެކި ކަހަލަ ސާމާނު ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ 12.5 މިލިއަން ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންތަކުން ލިބުނު ފައިސާކަމަށެވެ. އަދި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނައި، އެއްކުރެވިގެން ދިއުމާއެކު މި އެހީގެ ޢަދަދު އިތުވާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެެެެއެވެ.
މި ހަރަކާތުގައި ބައިވެރިވެ އަތޮޅުތަކުގެ ރަށްތަކުގައިވެސް ވަނީ ފަންޑު ފޮށި ބަހައްޓާ، ފަލަސްތީިނާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.
ފަލަސްތީނަށް އެހީވުމަށް މިދިޔަ ހުކުރު ދުވަހު ފެށި ބޮޑު ހަރަކާތް، މީޑިއާތައް ގުޅިގެން ބޭއްވި މި ޓެލެތޯންއާއެކު ނިންމާލިނަމަވެސް މިކަމުގައި އިސްކޮށް ބައިވެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން އެދެނީ، މި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓާނުލާ ދެމިގެންދާގޮޮތަށް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިވަގުތު ކުއްލި ޙާލަތުގައި ބޭނުންވާ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާއިރު، ހަނގުރާމަ މަޑުޖެހޭ ވަގުތަކު އެހީ ދިނުމަށް ތައްޔާރުވެ ތިބެން ޖެހޭކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. އެެހެންކަމުން ޓެލެތޯން ނިމުމުކަމުގައި ވީނަމަވެސް، އެހީ ފޯރުކޮށްދިނުމުގެ މަގު އޮތީ ހުޅުވާލާފައިވާކަމަަށް އައިއޭސީން ބުނެއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތަކުގައި 3000އަށްވުރެ ގިނަ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި ޣާޒާގައި ހިންގަމުންދާ ހޮސްޕިޓަލަކަށް އަންގާރަދުވަހު އިސްރާއިލުން ދިން ޙަމަލާއެއްގައި، އިތުރު 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.