ޔަހޫދީ އިސްރާޢީލުގެ މެދުކެނޑުމެއް ނެތް ހަމަލަތަކާއި، އަހަތުރަކެއްވީ ފުރަބަންދާ އެކު ޣައްޒާއަށް މި ވަގުތު އޮތީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ. ޒަރޫރީ ޚިދުމަތްތައް ދޭން ބޭނުންވާ ސާމާނު ދަނީ ހުސްވަމުންނެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާޢީލުން ދީފައިވާ ހަމަލަތަކުގައި ސްކޫލްތަކާއި ހޮސްޕިޓަލްތައް ވަނީ ސުންނާފަތިކޮށްލާފައެވެ. އަދި، މިލިޔަނެއްހާ މީހުންގެ ގެދޮރު ނެތިކޮށްލާފައެވެ. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވަމުންދާ ކަމުގައި އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.
ފަލަސްޠީނުގެ ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ މެޑިކަލް އެއިޑް ފޯ ޕަލަސްޓީނިއަންސް (އެމް.އޭ.ޕީ)ން ބުނީ ޣައްޒާގެ ހޮސްޕިޓަލުތަކުގެ ހާލަތު ވަރަށް ދެރަ ކަމުގައެވެ. ޔަހޫދީންގެ ލާއިންސާނީ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަށް ބޭސްފަރުވާގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ގިނަ ސާމާނު މިހާރު ހުސްވެފައިވާ ކަމުގައެވެ.
އެމް.އޭ.ޕީގެ އިސް އޮފިޝަލެއް ކަމުގައިވާ އަސީލް ބައިޟޫން ވިދާޅުވީ އެމަރޖެންސީ ޞިއްޙީ ފަރުވާ ދޭން ބޭނުންކުރާ ސާމާނު ހުސްވެފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާދޭނެ ގޮތެއް މިހާރު ނެތް ކަމުގައެވެ. "ޒަޚަމުވެފައިވާ މީހުންނަށް ލޭ އަޅައިދެވޭނެ ގޮތެއް ވެސް ނެތް. ލޭ ވެސް ހުސްވެއްޖެ. ބޭހެއް ވެސް ނެތް،" ބައިޟޫން ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ދެން ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ކެނޑުމުގެ ބިރެވެ. ގިނަ ހޮސްޕިޓަލުތަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވަގުތީ ޖަނަރޭޓަރުތަކެއް ބޭނުންކޮށްގެންނެވެ. ނަމަވެސް، ހަލުވިކަމާ އެކު ތެލުގެ ސްޓޮކްތައް ހުސްވަމުންދާއިރު، ހޮސްޕިޓަލްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، ޞިއްޙީ ފަރުވާ މެދުކެނޑޭނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.
އ.ދގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީޒް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ އިދާރާއިން ބުނީ، ކެންސަރާއި ކިޑްނީގެ ބަލިތައް ފަދަ ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައެވެ.
އ.ދގެ އާބާދީއާ ބެހޭ ފަންޑުން ބުނީ، ޣައްޒާގައި މިހާރު ވެސް ޞިއްޙީ ފަރުވާއަށް ބޭނުންވެފައިވާ 50,000 އަށްވުރެ ގިނަ މާބަނޑު މީހުން އެބަތިބި ކަމުގައެވެ. އަދި، އިންކިޔުބޭޓަރ ފަދަ އާލާތްތަކަށް ލާފައިވާ ތުއްތުކުދިންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގައި ރެޑް ކްރޮސްގެ އިސް އޮފިޝަލެއް ކަމުގައިވާ ފަބްރިޓްޒިޔޯ ކަރްބޯނީ ވިދާޅުވިއެވެ.
"މި ހާލަތުގައި ހޮސްޕިޓަލްތައް ގިނަ ދުވަހަކު ނުހިންގޭނެ. ކަރަންޓެއް ނެތް. ޖަނަރޭޓަރުތައް ނިވެން ކައިރިވެއްޖެ. ޞިއްޙީ ފަރުވާގެ ނިޒާމު ހުއްޓުމަކަށް އަންނާނެ. އަދި، ހޮސްޕިޓަލްތައް ގަބުރުސްތާނުތަކަކަށް ބަދަލުވާނެ،" ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓްމަންޓުގެ ޑިރެކްޓަރ މުޙައްމަދު ޤައްދީލް ވިދާޅުވިއެވެ. ޣައްޒާގެ ޚާން ޔޫނިސްގައި ހޮސްޕިޓަލްތަކަށް ކޮންމެ މިނެޓަކު އައު ބަލި މީހަކަށް ފަރުވާދޭން ގެންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީ ޢައްޒާގެ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 3,000 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޝަހީދުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންގެ ހަށިތައް އަޅާނެ ބޮޑީ ބޭގް ވެސް ވަނީ ހުސްވެފައެވެ. އަދި، ބައެއް މީހުންގެ ހަށިތައް ވަގުތީ ގޮތުން އައިސްކްރީމް އުފުލާ ލޮރީ ފަދަ އުޅަނދުފަހަރުގައި ބަހައްޓާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި އޮޕަރޭޝަންގެ ދަށުން ޙަމާސްއިން ވަނީ 1,400 އެއްހާ ޔަހޫދީން މަރައިލާފައެވެ. އަދި، ޙަމާސްއިން 199 މީހުން ރަހީނު ކޮށްފައިވާ ކަމަށް އިސްރާޢީލުން ބުނާއިރު، ޙަމާސްއިން ބުނީ 250 އެއްހާ މީހުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ކަމުގައެވެ.
ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.