ޚަބަރު

ޣާއްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި


  • ރާއްޖެއިން މިކަމަށް ގޮވާލެއްވީ އދ.ގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީގައި ދިން ބަޔާނެއްގައި

  • ރާއްޖެއިން ވަނީ އިސްރާއިލުގެ ސިފައިން ޕަލަސްތީނުގެ ކުށެއް ނެތް އާއްމުންނަށް ޙަމަލާ ޢަމާޒުކުރުން ކުއްވެރިކޮށްފައި

  • ވީހާވެސް އަވަހަށް ޒަރޫރީ ތަކެތި ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް ބޯޑަރު ހުޅުވާލުމަށް ގޮވާލެއްވި

ޣާއްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އ..ދ.ގައި ރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި ރާއްޖެއިން ދިން ބަޔާނެއްގައެވެ. މި ބައްދަލުވުމުގައި ވަނީ، އިސްރާއިލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ގުޅޭގޮތުން ބަހުސްކޮށްފައެވެ.

މިބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލާއި، މިހާރު ހިންގަމުންދާ ޢުދުވާންތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށް އެންގި އެންގުމަކީ، ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާއި ޚިލާފު ކަމެއްކަން ފާހަގަކުރައްވާ އެ އަމުރު އަނބުރާ ގެނައުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޢާއްމުންނާ ހަނގުރާމަވެރިންނާ ތަފާތުކުރުމެއްނެތި ދެވޭ ޙަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް، އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވާލުމަށްވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. މި ޙަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ޤާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ.

އަދި ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.