ޚަބަރު

ދީނާއި ސަޤާފަތާއި ގުޅޭ ދިރާސާތަކަށް ޚާއްސަ ފަންޑެއް ޤާއިމުކުރާނަން: ޑރ.މުޢިއްޒު


  • ޑރ.މުޢިއްޒު މިއަދު ވަނީ ރާއްޖޭގެ ޢިލްމުވެރިންނާ، އުސްތާޛުންނާއި ބައްދަލުކުރައްވާފައި

  • ޑރ.މުޢިއްޒު ވިދާޅުވީ ދިނާއި ދިވެހިންގެ ސަޤާފަތް ދެމެހެއްޓުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހިފައިވާކަމަށް

  • އެމަނިކުފާނުގެ ވެރިކަމެއްގައި ދިނާއި ސަޤާފަތުގެ ދާއިރާއިން ޚާއްސަ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވި

ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލުތައް ގެނައުމަށް އެހީތެރިވުމަށް ކުރިއަށްގެންދާ ޢިލްމީ ދިރާސާތަކަށް ދަޢުލަތުގެ ބަޖެޓުގެ ތެރެއިން ޚާއްސަ ފަންޑެއް ޤާއިމުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ދީނީ ޢިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހ.މީރުމާގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދީނާޢީ ސަޤާފަރުގެ ދާއިރާއިން ރާއްޖެއަށް އެކި ގޮތްގޮތުން ޚިދުމަތް ކުރައްވާފައިވާ، އަދި ޚިދުމަތްކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިންނާއި، އުސްތާޒުންނާއި ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންގެ އެންމެ އަގުބޮޑު ބަހާއަކީ، އިސްލާމްދީނާއި ދިވެހި ބަސްކަމަށެވެ. އަދި މި ދެ ކަންތަކުގައި ހިފައިނަމަ، ދިވެހިންގެ ދިވެހިވަންތަކަން އަލުން އަނބުރާ އިޢާދަކުރެއްވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި ސަޤާފަތް އާލާކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި މަސައްކަތް ނުކުރައްވާހާ އިސްކަމެއް ދެއްވައިގެން، އެމަނިކުފާނުގެ ވެރިކަމެއްގައި މި ދާއިރާއިން މަސައްކަތް ކުރައްވާނެކަމަށެވެ. މި މަސައްކަތުގައި އެންމެ އިސް ދަޢުރެއް ޢަދާކުރާނެ އެއް ބަޔަކަށް ވެގެންދާނީ ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދާއިރާގެ އުސްތާޒުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ގެންނަވަން މަސައްކަތްކުރައްވާ ބަދަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ދިވެހިންގެ ދިވެހި ވަންތަކަން، ނިޒާމީ މަސައްކަތްތަކެއްގެ ތެރެއިން ނިގުޅައިގަނެވި ވަރަށް ދުރަށް ގެންގޮސްފައިވާކަމަށާއި މިއަދު ރާއްޖެ މިއޮތީ މިކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ހިސާބެއްގައިކަމަށެވެ. އަދި މިކަމުގައި ތަޢުލީމުދޭ މަރުކަޒުތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތަކުން ވަރަށް ބޮޑަށް ވިސްނާ، ބަދަލަކަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ޑ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ނޭންގި ތިއްބާ މި މުޖުތަމަޢު އިސްލާމީ ފިކުރާއި ދުރައްޖެހި ނިމިގެން ގޮސްދާނެ ކަމަށާއި، އޭރުން ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޤައުމިއްުޔަތާއީ ދީނީ ކަންކަން ދިރުވާ އާލުކުރެވޭނީ ޢިލްމީ ދިރާސާތައް ކުރެވި، މިކަމުގައި ރާއްޖެ މިހާރު އޮތް ޙާލަތު ދެނެގަނެވިގެންކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ދީނާއި، ސަޤާފީ ދާއިރާތަކާއި، އަދި ރާއްޖެއަށް މުހިންމު އެހެނިހެން ދާއިރާތަކުން އިލްމީ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"ޢިލްމީ ދިރާސާ ކުރުމުގެ ފުރުޞަތު ދިނުމަށް "ނެޝަނަލް ރިސަރޗް ފަންޑް"އެއް ބަޖެޓުގައި ހިމަނާނަން. ދީނީ އެކަންޏެއް ނޫން، ރާއްޖެއަށް މުހިންމު ބޭނުން ދާއިރާއަކުން ދިރާސާ ކުރަން ފުރުޞަތު ދޭނަން. ދީނީ، އަދަބީ، ޤައުމިއްޔަތު މި ހުރިހާ ދާއިރާއަކުން ޢިލްމީ ދިރާސާތައް ކޮށް، މައްސަލަތަކަށް އެކަށީގެންވާ ޢަމަލީ ޙައްލެއް ހޯދަން މަސައްކަތް ކުރައްވާނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ދިވެހި ބަހާއި ސަޤާފަތައި ތާރީޚު ދިރުވާ ޢާލާކުރުމަށް ހާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށެވެ. މިއީ ނިޒާމެއްގެެ ތެރެއިން ތާރުތީބުކޮށް، ފަރުމާކޮށް ވިލަރެސްކުރެވިގެން މަސައްކަތްތައް ކުރިއަށްގެންދާ ތަނަކަށް ހައްދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލްތަކުގެ ކަރިކިއުލަމްގައި، އިސްލާމްދީނާއި ދިވެހިންގެ ސަޤާފަތާއި ގުޅޭ ބައިތައް، މިހާރަށްވުރެ ފުޅާކޮށް ހިމަނުއްވާނެކަމަށްވެސް ދީނީ އިލްމުވެރިންނާއެކު އުޟްތާޒުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.