ޚަބަރު

ޑިޕްލޮމާ ކޯސްތަކުގައި ބައިވެރިވި ދަރިވަރުން ދަސްވެނިވެއްޖެ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގެވި އެކި ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މިރަސްމިއްޔާތުގައި އަށްސަތޭކަ ސާޅީސް ފަސް ދަރިވަރަކު ވަނީ ސަނަދު ޙާޞިލްކޮށްފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހިންގެވި އެކި ދާއިރާތަކުގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އަށްސަތޭކަ ސާޅީސް ފަސް ދަރިވަރަކު ވަނީ ސަނަދު ޙާސިލްކޮށްފައެވެ.

ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ސަނަދު ޙާވަލުކުރެއްވީ، ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ޑިޕްލޮމާ ކޯސްތަށް ފުރިހަމަކުރި ދަރިވަރުންނެވެ. އޭގެތެރޭގައި ޑިޕޮލޮމާއިން ޓީޗިން، ޑިޕްލޮމާ އިން އާރލީ ޗައިލްޑްހޫޑް އެޑިއުކޭޝަން، ޑިޕްލޮމާއިން ޖާރނަލިޒަމް، ޑިޕްލޮމާއިން ޝަރީޢާ އެންޑް ލޯ، ޑިޕޮލްމާއިން ބިޒްނަސް، އަދި ޑިޕްލޮމާއިން ނާރސިންގ ފަދަ ދާއިރާތަށް ހިމެނެއެވެ. އަދި މި ކޯސްތަކުން ޖުމްލަ 23 ދަރިވަރަކު އެއްވަނަ ޙާޞިލްކުރިއެވެ. މިއަދު ސަނަދު ޙާޞިލްކުރި ދަރިވަރުންގެ ތެރެއިން ހަސަތޭކަ އަށްޑިހަ ތިން ދަރިވަރުންނަކީ އެޑިއުކޭޝަން މިނިސްޓްރީން އެކަށައެޅުއްވި ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްގެ ދަށުން ޑިޕްލޮމާ ޙާޞިލްކުރި ޓީޗަރުންނެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނެވިމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި، މީހުން ބިނާކުރެއްވުމުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނުކުރެއްވުމަށް އިސްކަންދެއްވަންޖެހޭ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މަތީތަޢުލީމް ދެއްވާ މުއައްސަސާތަކުން ތަފާތު ފިކުރުތަކެއް ގެންގުޅުއްވަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެފަދަ މަރުކަޒުންތަކުންނާއި އެ މުއައްސަސާތަކުން ދިރާސާކުރެއްވުމުގެ ޘަޤާފަތެއް އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރ ވާހަކަފުޅުގައި، މަތީ ތަޢުލީމް ޙާޞިލްކުރުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަށް ހިންގުންތެރިކަމުގެ ހުނަރު ހުރި ބަޔަކަށް ކަމަށްވުމަށް އެދިވަޑައިގެންނެވިއެވެ. ޕީއެސްއެމްއާ ވާހަކަދެއްކި ސަނަދު ޙާޞިލްކުރި ބައެއް ދަރުވަރުން ބުނީ، މިއަދަކީ އެމީހުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

ޔުނިވަރސިޓީއިން އެކިއެކި ކޯސްތަށް ފުރިހަމަކުރި ދަރިވަރުންނާ ސަނަދު ޙަވާލުކުރެއްވީ ޑިފެންސް މިނިސްޓަރާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނެވެ.