ސިއްހަތު

ޓީބީއަށް ހޭލުންތެރިވެ، ސަމާލުވާންޖެހޭ!


ޓީބީ ނުވަތަ ޓިއުބަރކިއުލޯސިސް އަކީ މައިކޯބެކްޓްރީއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓްރީއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ.

އެޗްއައިވީ އޭޑްސް ފިޔަވައި، ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔަކީ ޓީބީ ބައްޔެކެވެ. ވޭތުވެދިޔަ އަހަރުގެ ގްލޯބަލް ޓީބީ ރިޕޯޓުން ދައްކާގޮތުގައި 2013 ވަނަ އަހަރު އެކަނިވެސް 9.6 މިލިއަން ޓީބީ ކޭސް ރިޕޯޓްކުރެވިފައިވާއިރު، 1.5 މިލިއަން މީހުން މި ބަލީގައި މަރުވެފައިވެއެވެ. އެހެންނަމަވެސް ޓީބީ ބަލި ހުރިތޯ ދެނެގަނެ، ފަރުވާކުރުމުގެ ސަބަބުން 2000 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު 43 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓީބީ ބަލި އާއްމުކޮށް ޖެހެނީ ފުއްޕާމެއަށްކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހެއެވެ. މިގޮތުން ގޮހޮރަށް، މައިބަދަޔަށް، ކަށްޓަށް، އަދި ލިމްފް ނޯޑްތަކަށްވެސް ޓީބީ ޖެހެއެވެ. ޓީބީ ބަލި ޖެހޭ ގުނަވަނެއްގެ ގޮތުން ބަލީގެ އަލާމާތްތައް ތަފާތުވާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ބަލީގެ ފުރަތަމަކޮޅު، އަލާމާތްތައް ހުންނަނީ ވަރަށް އާދައިގެ މިންވަރަކަށްކަމަށާ، ފަރުވާ ނުހޯދާ ގިނަ ދުވަސްވެ، ބަލި އިތުރަށް ގޯސްވާ ގޮތް މެދުވެރިވާނެކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ޓީބީ އާއިމެދު މުޖުތަމަޢު ދެކޭގޮތް މިވަނީ ބަދަލުކުރަންޖެހިފައެވެ. ޓީބީ ބަލި ޖެހިފައިވާ ކޮންމެ މީހަކީ އޭނާގެ ފަރާތުން ބަލި ފެތުރޭނެ މީހެއް ނޫންކަން ދެނެގަންނަންޖެހެއެވެ. މިބަލި ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ކުޅުގައި ޖަރާސީމު ހުންނަ ބަލި މީހުން ގެ ފަރާތުންނެވެ. މިފަދަ މީހުން ކެއްސާ، ކިނބިހި އަޅާ ނުވަތަ ކުޅު ޖެހުމުން ވައިގެ ޒަރީއްޔާއިން ކުޅުގައިވާ ޖަރާސީމު އެހެން މީހުންނަށް ވާސިލްވެއެވެ. އެހެންނަމަވެސް ޓީބީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލްވާ އެންމެންނަށް ބަލީގެ އަސަރު ނުކުރުން އެކަށީގެންވާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެހެންނަމަވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި މީހުން، ހަކުރު ބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަދި ހަށިގަނޑަށް ބޭނުންވާ ރަގަޅު ކާނާ އެކަށީގެންވާ މިންވަރަށް ބޭނުންނުކުރާ މީހުންނަށް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑެވެ.

ޓީބީ އަކީ "ސީދާ ބެލުމުގެ ދަށުން" ފަރުވާ ދެވޭ ބައްޔެކެވެ. އެގޮތުން ޓީބީގެ ބޭސް ބަލިމީހާ ކޮންމެ ދުވަހަކު ކާނީ ސިއްޙީ އެހީތެރިއެއްގެ ނުވަތަ ޒިންމާދާރު އެހެން ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. މިއީ ޤަވާޢިދުން ބަލިމީހުން ބޭސް ކާކަން ޔަޤީންކުރުމާއި، ބޭނުންވާ އެހީތެރިކަމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރާކަމެކެވެ. އަދި ބޭސް މެދުކެނޑުން މަދު ކުރެވުމުން ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ.

ޓީބީ ފަދަ ބަލިތައް ޖެހޭ މީހުން މުޖުތަމަޢުން އެކަހެރިކުރުމަކީ އާއްމު ޞިއްހަތުގެ އުސޫލްތަކާއި ތަޢާރުޒްވާ ކަމެކެވެ. އެހެންކަމުން މިފަދަ ބަލިޖެހޭ މީހުން ބަލިތަކަށް ފަރުވާހޯދަން ފަސްނުޖެހުމަށާއި، ދެވޭ ފަރުވާ ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް ޤަވާޢިދުން ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ޓީބީ އަކީ ފަރުވާ އެކަށީގެންވާގޮތުގައި ލިބިގެން މުޅިން ފަސޭހަކުރެވޭ ބައެއްޔެއްކަން ދެނެގަނެ، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.