ކުޅިވަރު

ޤައުމީ ލީގާއި، ޤައުމީ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެލައިޑް


ގައުމީ ފިރިހެން ވޮލީ ލީގާއި،، ގައުމީ ވޮލީބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝިއުރެންސް ހަމަޖައްސައިިފިއެވެ. އެލައިޑް އިންޝިއުރެންސް ގައުމީ ފިރިހެން ވޮލީ ލީގާއި، ގައުމީ ވޮލީބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަަށް ހަމަޖައްސާފައިވަނީ މިއަދު ސިޓީ ގާޑަންގައި އޮތް ރަސްމިއްޔާތުގައެވެ. 

މިއެއްބަސްވުމުގައި ވޮލީ ބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒް އާ ހަޒާންދާރު އަހުމަދު ހުސައިންއެވެ. އަދި އެލައިޑް އިންޝިއުރެންސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޖެނެރަލް މެނޭޖާރ އަހުމަދު ރިޔާޒާއި މާކެޓިންގ މެނޭޖާރ ނިއުޝާދު ޝަރީފްއެވެ. މިއެއްބަސްވުމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވޮލީބޯލް އެސޯސިއޭޝަންގެ ހަޒާންދާރު އަހުމަދު ހުސައިން ވިދާޅުވީ މިސްޕޮންސަރޝިޕްގެ ދަށުން ލިބޭ ހުރިހާ އެހީއެއް ބޭނުންކުރަމުން ދާނީ އެސޯސިއޭޝަންގެ ރަޖިސްޓްރީކޮށްފައިވާ ކްލަބުތައް ދެމެހެއްޓުމަށްކަމަށެވެ.

"ގައުމީ ލީގާއި، ގައުމީ މުބާރާތަކީ ވޮލީ ކަލަންޑަރުގައި ހިމެނޭ އެންމެ ފޯރިގަދަ މުބާރާތް. މިމުބާރާތަކީ މިސަރަހައްދުގެ އެންމެ ވަރުގަދަ ބޭރު ކުޅުންތެރިންވެސް ވާދަކުރާ މުބާރާތް، އެހެންވީމާ މިސްޕޮންސާރޝިޕްގެ ދަށުން ލިބޭ މާލީ އެހީ ބޭނުންކުރާނީ ކުލަބްތަކަށް." އަހުމަދު ހުސައިން ވިދާޅުވިއެވެ.



ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގައުމީ ފިރިހެން ވޮލީ ލީގާއި، ގައުމީ ވޮލީބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝިއުރެންސް ހަމަޖެއްސުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަަމުން އެކުންފުނީގެ މާކެޓިންގ މެނޭޖާރ ނިއުޝާދު ޝަރީފް ވިދާޅުވީ އެލައިޑަކީ އަބަދުވެސް ވޮލީއާ ގާތް ގުޅުމެއް އޮންނަ ކުލަބެއްކަމަށާއި ހާއްސަކޮށް ފާއިތުވިތަނުގައި އެކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށެވެ. ކުންފުނީގެ ނަން ޕްރޮމޯޓްކުރުމުގައި ވޮލީއަކީ ވަރަށް ރަނގަޅު ކުޅިވަރެއްކަމަށްވެސް ނިއުޝާދު ޝަރީފް ވިދާޅުވިއެވެ.

"ފުޓްބޯޅަ، ބާސްކެޓްބޯޅަ އަކީ އެހެން ބޮޑެތި ކުންފުނިތަކުންވެސް ސްޕޮންސާރ ކުރަމުން އަންނަ ކުޅިވަރުތަށް. އެހެންވީމަ ރަނގަޅު ގޮތަކަކީ ހުރިހާ ކުންފުނިތަށްވެސް ބަހާލައިގެން ހުރިހާ ކުޅިވަރުތަކަށްވެސް ފޯކަސްކުރުން. ވޮލީ ވެދާނެ ފުޓްބޯޅަ ބަލާވަރަށް ނުބަލާ ކުޅިވަރަކަށް، ނަމަވެސް ވޮލީއަކީވެސް ވަރަށް މަގުބޫލް، އަދި ވަރަށް ގިނަ ބައެއް ބަލާ ކުޅިވަރެއް. އެހެންވީމަ އަޅުގަނޑުމެންގެ އުއްމީދަކީ މިކުޅިވަރުގެ މިޕާޓްނާޝިޕް ދަމަހައްޓައިގެން، ކޮންމެ އަހަރަކުވެސް ވޮލީއަށް އެލައިޑުން އެދެނީ ކާމިޔާބީއަށް." ނިއުޝާދު ވިދާޅުވިއެވެ.

ފާއިތުވި އަހަރު ފިޔަވާ އޭގެ ކުރީ ދެ އަހަރުވެސް އެލައިޑުން ވަނީ ވޮލީބޯޅަ ސްޕޮންސާރކޮށްފައެވެ.  ގައުމީ ފިރިހެން ވޮލީ ލީގުގައި ކުޅޭނީ 6 ޓީމެވެ. އަދި 6 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެއް ދަތުރުކުރާނީ ގައުމީ މުބާރާތަށެވެ.